މި އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރް އާއި އަޔުޝްމަން ކުރާނާގެ ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކޮށްފި އެވެ.

އަޔުޝްމަންގެ "ޕަތީ ޕަތުނީ އޯރު ވޯ 2" ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ އަންނަ މަހު ހަތަރެއްގަ އެވެ. ނަމަވެސް، މިހާރު އެ ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. 

އެ ފިލްމުގައި އަޔުޝްމާންއާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަލީ ހާން އާއި ވާމިގާ ގައްބީ އަދި ރަކުލް ޕްރީތު ސިންގެވެ.

މުދައްސަރު އަޒީޒް ޑައިރެކްޓުކުރާ، ބޫޝަން ކުމާރާއި ރޭނޫ ރަވީ ޗޯޕްރާ އުފައްދާ އެ ފިލްމުގެ މަސައްކަތް ލަސްވީ، ޕޯސްޓް-ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް ނުނިމި ހުރުމުން އަދި އެއް ލަވަ ޝޫޓްކޮށް ނުނިމޭތީ ކަމަށް "ބޮލީވުޑް ހަންގާމާ"އިން ރިޕޯޓްކޮށްފައިވެ އެވެ.

މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ" ރިލީޒްކުރީ ޑިސެމްބަރު 6، 2019 ގަ އެވެ. އޭގައި ލީޑު ރޯލު ކުޅުނީ ކާތިކް އާރްޔަން އާއި ބޫމީ ޕެޑްނޭކަރު އަދި އަނަންޔާ ޕާންޑޭ އެވެ. ދެވަނަ ފިލްމަކީ ވެސް ކައިވެނީގެ ތެރޭގައި ދިމާވާ މަޖާ އަދި އޮޅުންބޮޅުން އަރާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ" ސިނަމާތަކަށް ގެންނަ ތާރީހަށް ބޮޑު ބަދަލެއް ގެނެސް، ކުރިން އިއުލާންކުރި ތާރީހަށް ވުރެ އަވަހަށް ފިލްމު ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ.

އެ ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް އެންމެ ފުރަތަމަ ބުނެފައި ވަނީ އަންނަ މެއި މަހުގެ 15 ގަ އެވެ. ނަމަވެސް، ޑައިރެކްޓަރު ޕްރިޔަދަރްޝަންގެ މި ފިލްމު މިހާރު ވަނީ އަންނަ އޭޕްރީލް 10 ގައި ރިލީޒްކުރާ ގޮތަށް އަވަސްކޮށްފަ އެވެ.

މި ބަދަލާ އެކު، އަކްޝޭ ކވަނީ ސޯޝަލް މީޑިއާގައި ހާއްސަ ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ ކަޅު ބުޅަލެއް ކަލަންޑަރުގައި އިން "މެއި 15" ފޮހެލުމަށް ފަހު، އާ ތާރީހެއްގެ ގޮތުގައި އޭޕްރީލް 10 ދައްކާލާ މަންޒަރެވެ.

އަކްޝޭ އެ ވީޑިއޯ ހިއްސާކުރަމުން ލިޔެފައި ވަނީ، "ބޫތު ބަންގްލާގެ ކައުންޓްޑައުން ރިވައިންޑް!" އެވެ.

އެ ފިލްމުގައި އަކްޝޭއާ އެކު މުހިންމު ރޯލުތައް ކުޅެނީ ތާބޫ، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް، އަސްރާނީ، ޖިޝޫ ސެންގުޕްތާ އަދި ވާމިގާ ގައްބީ އެވެ. 

އިންޑިއާގެ ރާޖަސްތާން އާއި ޖައިޕޫރު އަދި ހައިދަރުއާބާދުގައި މަންޒަރުތައް ނަގާފައިވާ "ބޫތު ބަންގްލާ" އަކީ ބާލާޖީ ޓެލެފިލްމްސް އާއި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން އުފައްދާ ފިލްމެކެވެ.

ޕްރިޔަދަރްޝަން އަކީ އަކްޝޭގެ ކުރީގެ ކާމިޔާބު ކޮމެޑީ ފިލްމުތައް ކަމަށްވާ "ހޭރާ ފޭރީ"، "ގަރަމް މަސާލާ"، "ބާގަމް ބާގް" އަދި ބޫލް ބުލައްޔާ"ގެ ޑައިރެކްޓަރެވެ. ގާތްގަނޑަކަށް 14 އަހަރުގެ މެދުކެނޑުމަކަށް ފަހު، މި ދެ ފަންނާނުން އެކުގައި މަސައްކަތްކުރާ "ބޫތު ބަންގްލާ"އަކީ ބިރުވެރި އަދި މަޖާ ފިލްމެކެވެ.