ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ސީރީޒް "ހީރާ ޕޭރީ"ގެ ތިންވަނަ ފިލްމުގެ މަސައްކަތް މިވަގުތަށް ހުއްޓާލައިފި އެވެ.
އެ ފިލްމުގެ ލީޑު ތަރި އަކްޝޭ ކުމާރް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ އެ ފިލްމުގެ މަސައްކަތް ކުރިއަށް ނުދާކަން އެނގުމުން އޭނާއަށް ވެސް ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ.
"މިވަގުތު މި ފިލްމުގެ މަސައްކަތެއް ނުކުރޭ. ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މި ފިލްމު އުފެއްދޭނެ ކަމަކަށް ނުބެލެވޭ،" އަކްޝޭ ބުންޏެވެ.
ފިލްމުގެ މަސައްކަތް ހުއްޓެން މެދުވެރިވީ ފިލްމުގެ ތަރިންގެ މެދުގައި މައްސަލައެއް ޖެހިގެން ކަމަށް ދެކެވޭ ވާހަކަތައް އަކްޝޭ ވަނީ ދޮގުކޮށްފަ އެވެ.
އަކްޝޭ ބުނި ގޮތުގައި، ފިލްމުގެ މައިގަނޑު ތިން ތަރިން ކަމަށްވާ ސުނިލް ޝެޓީ، ޕަރޭޝް ރާވަލް އަދި އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތެވެ. އަދި މި ތިން ތަރިން އެހެން ކޮމެޑީ ފިލްމެއް ކަމަށްވާ "ވެލްކަމް ޓު ދަ ޖަންގަލް" އިން އެކުގައި ފެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމު ހުއްޓެން މެދުވެރިވި ސަބަބުތަކާ ބެހޭ ގޮތުން އަކްޝޭ ބުނީ ކެމެރާގެ ކުރިމަތީގައި ހާމަނުކުރެވޭނެ އެތައް ކަމެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފިލްމުގެ އެއްބަސްވުންތަކާ ގުޅޭ ގާނޫނީ މައްސަލަތަކެއް ހިމެނޭ ކަމަށެވެ.
"ހީރާ ޕޭރީ 3" އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޭގެ ކޮޕީރައިޓް މައްސަލަ އެވެ.
ސެވަން އާޓްސް އިންޓަނޭޝަނަލް އިން ވަނީ ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަޑްވާލާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ފަރާތުން ބުނި ގޮތުގައި، ސާޖިދަށް ލިބިފައި ވަނީ ހަމައެކަނި ފުރަތަމަ ފިލްމު އުފެއްދުމުގެ ހުއްދަ އެވެ. އަދި އޭގެ ފަހުން އުފެއްދި ސީކުއަލްތަކާއި ފިލްމުގެ ރައިޓްސް އަކްޝޭ ކުމާރުގެ ކުންފުންޏަށް ބަދަލުކުރުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އެ ފަރާތުން ތުހުމަތު ކުރެ އެވެ.
އަކްޝޭ އުއްމީދު ކުރަނީ ހުރިހާ ކަމެއް ހަމަޖެހި، ވަގުތު ޖެހުމުން މި ފިލްމު އުފެއްދޭނެ ކަމަށެވެ.
"އަހަރެމެން މާ ބޮޑަށް މުސްކުޅި ނުވަނީސް މި ފިލްމު އުފެއްދޭނެ ކަމަށް އުއްމީދު ކުރަން،" އަކްޝޭ ބުންޏެވެ.
"ހީރާ ޕޭރީ" އަކީ 2000 ވަނަ އަހަރު ރިލީޒްކުރި، އިންޑިއާގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފިލްމެވެ. އޭގެ ދެވަނަ ބައި "ފިރް ހީރާ ޕޭރީ" ރިލީޒްކުރީ 2006 ގަ އެވެ.