ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާނާއި ޑައިރެކްޓަރު އެޓްލީ އެމީހުންގެ ކާމިޔާބު ފިލްމު "ޖަވާން"ގެ ދެވަނަ ބައެއްގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ޖަވާން 2"ގެ ސްކްރިޕްޓުގެ މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސްކްރިޕްޓް އެއްކޮށް ފައިނަލްކޮށްފަ އެވެ. ނަމަވެސް، އެ ފިލްމުގެ މަސައްކަތް ޝާހު ފަށާނީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ކިންގް"ގެ މަސައްކަތްތައް ނިންމުމަށް ފަހުގަ އެވެ.
ފުރަތަމަ ފިލްމުގައި ވިލަންގެ ރޯލުން ފެނުނީ ވިޖޭ ސެތުޕަތީ އެވެ. ނަމަވެސް، ދެވަނަ ބައިގެ ވިލަންގެ ރޯލަށް ދެކުނު އިންޑިއާގެ ވަރުގަދަ "އޭ-ލިސްޓެޑް" އެހެން ތަރިއަކު ހޯދުމުގެ މަސައްކަތް އެޓްލީ އާއި އޭނާގެ ޓީމުން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މިހާތަނަށް ޝާހު ނުވަތަ އެޓްލީ ވެސް އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ބޮލީވުޑްގެ އެތެރޭގެ މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި ވަރަށް އަވަހަށް އެ ފިލްމު އިއުލާން ކުރާނެ އެވެ.
މީގެ ތިން އަހަރު ކުރިން 2023 ވަނަ އަހަރު ރިލީޒްކުރި "ޖަވާން" އަކީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ. އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 1،100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އެ ފިލްމުން ޝާހުއަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑް ވެސް ލިބިފަ އެވެ.
ޝާހު މިހާރު ތައްޔާރުވަމުން އަންނަ "ކިންގް" އަކީ އޭނާގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް ތައާރަފުވާ ފިލްމެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު އެވެ.
އެޓްލީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އައްލޫ އަރުޖުން އާއި ދީޕިކާ ޕަޑުކޯން ލީޑު ރޯލު ކުޅޭ ފިލްމު "ރާކާ"ގަ އެވެ.