ބޮލީވުޑްގެ ޑައިރެކްޓަރު ފަރާ ހާން އާ ފިލްމެއް ޑައިރެކްޓުކުރަން ތައްޔާރު ކަމަށް އިއްޔެ ބުނެފި އެވެ. 

ޑައިރެކްޓަރެއްގެ އިތުރުން ކޮރިއޯގްރާފަރެއްގެ ގޮތުގައި މަޝްހޫރު ފަރާ، އޭނާގެ އަމިއްލަ ޔޫޓިއުބް ވީޑިއޯތަކުން ގިނަ ބައެއްގެ ލޯބި ހޯދަމުން އަންނަ ނަމަވެސް، ފޭނުން ތިބީ އޭނާގެ އާ ފިލްމަކަށް ވަރަށް ބޮޑަށް އިންތިޒާރުގަ އެވެ. ފަރާ ވަނީ މީގެ ކުރިން "މެއި ހޫ ނާ" އާއި "އޯމް ޝާންތީ އޯމް" އަދި "ތީސް މާރް ހާން" ކަހަލަ އައިކޮނިކް ފިލްމުތަކެއް ގެނެސްދީފަ އެވެ.

ފަރާގެ އެންމެ ފަހުން ގެނެސްދިން ޔޫޓިއުބް ވީޑިއޯގައި އޭނާގެ ކައްކާ ދިލިޕްއާ އެކު ދިޔައީ ޓީވީ އެކްޓަރު ނަކުލް މެހެތާގެ ގެއަށެވެ. އެ ގެއަށް ކުރި ޒިޔާރަތުގައި ފަރާ ވަނީ އޭނާގެ އާ ފިލްމާ ބެހޭ ބޮޑު އަޕްޑޭޓެއް ދީފަ އެވެ. އެ ވާހަކަ ދެކެވުނީ، ފަރާ ކުރިން އުފެއްދި ކަހަލަ ފިލްމުތައް ވަރަށް ބޮޑަށް "މިސްވާ" ކަމަށް ނަކުލް ބުނުމުންނެވެ.

"ވަރަށް އަވަހަށް ފިލްމެއް ހަދާނަން. އަހަރެންގެ ދަރިން ކޮލެޖަށް ދާން ފެށުމުން އެ ފިލްމުގެ މަސައްކަތް ފަށާނަން،" ފަރާ ބުންޏެވެ.

"އިންޓަނެޓްގައި، ފަރާ ހާން އެނބުރި އަންނާށޭ ކިޔައި ބޮޑު ޕެޓިޝަނެއް ވެސް ހަދައިގެން އެބައުޅޭ. އެހެންވީމާ، އަހަރެން ގަބޫލުކުރަނީ މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް. މި އަހަރުގެ ފަހުކޮޅު ފިލްމުގެ މަސައްކަތް ފަށާނަން."

ނަކުލްއާ ސަމާސާކުރަމުން ފަރާ ބުނީ ފިލްމު ހެދިޔަސް އޭނާ ދެން ޔޫޓިއުބް ދޫކޮށްނުލާނެ ކަމަށެވެ. އެއީ އޭގެން ލިބޭ ފައިސާ އޭނާގެ ދަރިންގެ ކޮލެޖް ފީ ދައްކަން ބޭނުންވާތީ ކަމަށް ބުނެ ފަރާ ހިނިގަނޑެއް ޖެހި އެވެ. 

"އަހަރެން ފިލްމެއް ޑައިރެކްޓް ކުރާ ނަމަ، އެ ފިލްމެއް ހަދާނީ ޝާހްރުކް ހާންއާ އެކު! ނޫން ނަމަ، މަޑުކޮށްލައިގެން ޔޫޓިއުބް ކުރިއަށް ގެންދާނީ،" ފަރާ ބުންޏެވެ. 

ފަރާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2014 ވަނަ އަހަރު ގެނެސްދިން "ހެޕީ ނިއު އިޔާ" އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ ޝާހްރުކް ހާން، ދީޕިކާ ޕަޑުކޯން، ސޯނޫ ސޫދު އަދި ބޯމަން އިރާނީ އެވެ. 

ފަރާ ވަނީ ޝާހު ލީޑް ރޯލު ކުޅުނު ތިން ފިލްމެއް ޑައިރެކްޓުކޮށްފަ އެވެ. އެއީ "ހެޕީ ނިއު އިޔާ"ގެ އިތުރުން "އޯމް ޝާންތި އޯމް" އަދި "މެއި ހޫ ނާ" އެވެ.