16 މާޗް 2020 - 07:31
ކަލާޒްގެ ސިލްސިލާ "ނާގިން 4" ގެ ރޯލަކުން ބަތަލާ ރަޝްމީ ދެސާއީ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.
ދާދި ފަހުން އެ ޗެނެލުން ނިންމާލި ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގައި ވާދަކޮށް ހަތަރު ވަނަ އަށް ދިޔަ ބަތަލާ ވަނީ އޭނާ ފެންނަ، "ނާގިން 4" ގެ ޕްރޮމޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭގައި ރަޝްމީ ބުނީ އޭނާ ހުރީ އެ ސިލްސިލާ އިން ފުރުސަތު ލިބުމުން ވަރަށް އުފަލުން ކަމަށާއި ކުޅޭ ކެރެކްޓާ ޝަލާކާ ބެލުންތެރިންނަށް ދައްކައިލަން ކެތްމަދުވެފައިވާ ކަމަށެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ "ނާގިން 4" މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދައްކަމުން އަންނަ އިރު، އޭގެ މުހިއްމު ރޯލްތަކުން މިހާރު ފެންނަނީ ނިއާ ޝަރުމާ އާއި އަނީތާ ހަސަނަންދާނީގެ އިތުރުން ވިޖެޔަންދުރަ ކުމޭރިއާ އެވެ.
ސީޒަން ހަތަރެއް ފެށި އިރު ޖެސްމީން ބާސިން ވެސް ވަނީ ވަރުގަދަ ރޯލެއް ކުޅެފަ އެވެ. އެކަމަކު އޭނާގެ ކެރެކްޓާ މިހާރު ވަނީ މަރުވެފަ އެވެ.
"ނާގިން 4" އަށް ރަޝްމީ ސޮއިކުރި އިރު އޭނާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ 2018 ގެ "ދިލް ސޭ ދިލް ތަކް" އެވެ. އޭގައި އޭނާއާ އެކު މަސައްކަތްކުރީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާގެ އިތުރުން ޖޭސްމިނެވެ.
ރިޕޯޓްތައް ބުނާގޮތުން "ނާގިން 4" ގެ ރޯލަކުން ވަރަށް އަވަހަށް ބަތަލާ ދިޕިކާ ކައްކަރް ވެސް ފެންނަން ފަށާނެ އެވެ. އޭނާ އަކީ ސްޓާ ޕްލަސް އިން މި މަހުގެ 14 ގައި ނިންމައިލި ސިލްސިލާ "ކަހާ ހަމް، ކަހާ ތުމް" ގެ ބަތަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy