19 މާޗް 2020 - 08:34
އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ވެސް ބޮލީވުޑަށް ނުކުންނާކަމުގެ އިޝާރާތެއް ސައިފް ދީފި އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ 19 އަހަރުގެ އިބްރާހީމް އެކްޓިން އަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި އޭނާ އޮފީސް ވަޒީފާއަކަށް ނުދާނެ ކަމަށެވެ.
"އެހެންވެ އަހަރެން އިބްރާހީމް ގާތުން ބުނާނެހާ ވެސް ވާހަކަ އަކީ މިއީ ވަރަށް ވާދަވެރި އިންޑަސްޓްރީއެކޭ. މުޅިން އެހެން ދުނިޔެކޭ އަދި މުޅިން އެހެން ބެންޗްމާކެކޭ. ޒަމާން ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެހެންވީމާ ކާމިޔާބު މީހަކަށްވެވޭނީ ވަރަށް ހިތްވަރުކޮށްގެންނޭ." ސައިފް ބުންޏެވެ. "މީގައި އެންމެ މުހިއްމު ކަމަކީ ކުޅޭނެ ފިލްމުތައް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު ހޮވަން އެނގުން."
އޭނާ ބުނި ގޮތުގައި ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ވެސް މިހާރު ކުރިއަށްދާ ސްޕީޑާއި އޭނާ ކުރަމުން އަންނަ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ. ސާރާ ބޮލީވުޑަށް ނުކުތީ 2018 ގެ ފިލްމު "ކޭދަރުނާތު" އިންނެވެ. އޭގެ ފަހުން އޭނާގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒްވެފައިވެ އެވެ. އެއީ "ސިމްބާ" އާއި "ލަވް އާޖް ކަލް" އެވެ. ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މެއި މަހުގެ 1 ގައި ރިލީޒްކުރާ "ކޫލީ ނަމްބަރު 1" އިންނެވެ. އޭނާ މިހާރު އަންނަނީ "އަތުރަންގީ ރޭ" ގެ މަސައްކަތްކުރަމުންނެވެ.
"ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ސާރާއާ މެދު ވަރަށް ފަހުރުވެރިވަން. ކާމިޔާބީ އާއި ނާކާމިޔާބީ އަކީ ކޮންމެ އެކްޓަރަކު ވެސް ތަޖުރިބާކުރާނެ ކަމެއް. އެހެންވީމާ ފިލްމެއް ފްލޮޕްވުމަކީ ވެސް އެއްވެސް މައްސަލައެއް ނޫން." ސައިފް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ބަޔަކު އިބްރާހީމް ސްކްރީނުން ދުށުމުގެ ޝައިގުވެރިކަން ހުރިކަން އެނގެ އެވެ. އެކަމަކު އަމިއްލަ އަށް އުފައްދާ ފިލްމަކުން ދަރިފުޅު ބޮލީވުޑަށް ނެރުމާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.
"އެއީ އޮޕްޝަނެއް ކަންނޭނގޭ. އަހަރެން ދެކޭ ގޮތުގައި އިބްރާހީމް ކުރިއަށްދާން ހުރި ނަމަ އަބަދު ވެސް އޭނާ އަށް ފުރުސަތު އޮންނާނެ." 19 އަހަރުގެ ދަރިފުޅާ ބެހޭ ގޮތުން ސައިފް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން އިބްރާހީމް މިހާރު ވެސް ވަނީ ބޮލީވުޑަށް ނުކުތުމުގެ ތައްޔާރީތައްވާން ފަށައިފަ އެވެ. އެގޮތުން އޭނާ ހަށިގަނޑު ރީތިކުރަން ހާއްސަ ސަމާލުކަމެއްދޭކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. ބައެއް މީޑިއާތަކުން ބުނިގޮތުގައި ވަރަށް އަވަހަށް ޓީވީ އިޝްތިހާރަކުން ވެސް އިބްރާހީމް ފެންނާނެ އެވެ. އޭގެ ޝޫޓިންގެ ތެރެއިން ލީވްކި ފޮޓޯތަކެއް ވެސް މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުގައި ވެސް ޖަހާފައިވެ އެވެ.
އިބްރާހީމާއި ސާރާ އަކީ ސައިފާއި ބަތަލާ އަމްރިތާ ސިންގް އަށް ލިބުނު ދެ ދަރިންނެވެ. މިހާރު ބަތަލާ ކަރީނާ ކަޕޫރަށް ވެސް ސައިފްގެ ފިރިހެން ދަރިއެއް އެބަހުއްޓެވެ. އެއީ ތިން އަހަރުގެ ތައިމޫރް އަލީ ޚާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2020
19 March 2020
އަހަންނަށް ތިސޮރު އެހާ ފިލްމީއެއްނޫން
ޑރފަލަޑޭ
19 March 2020
ހަމަ ނިކުންނަންވީނުން؟ ނިކުތްނަމަވެސް ވައިރސްގަ ނުޖެހޭތި
ޖެނީ
19 March 2020
އިބްރަހީމް ހާދަ ރީއްޗޭ.??
ޖޯކަރު
20 March 2020
ޢަޅައިގަތީ ދޯ