ކަރިޝްމާ.
11 އެޕްރީލް 2020 - 08:53
އިސްކޮޅުން މާ ދިގުވުމުގެ ސަބަބުން ފުރުސަތުތަކުން މަހުރޫމުވި ކަމަށާއި ފުރުސަަތު ދޭން ވަރަށް ގިނަ ބަޔަކު ދެކޮޅުހެދި ކަމަށް އިންޑިއާގެ ބަތަލާ ކަރިޝްމާ ތައްނާ ބުނެފި އެވެ.
ޓީވީ ޝޯތަކުގެ އިތުރުން މަދުމަދުން ފިލްމުތަކުން ވެސް ފެންނަ، އިސްކޮޅުގައި ފަސް ފޫޓް 10 އިންޗި ހުންނަ 36 އަހަރުގެ ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުގައި ބުނީ ކެރިއަރުގެ ކުރީކޮޅު އޮޑިޝަންތަކަށް ދިއުމުން ވަރަށް ގިނަ ފަހަރު އޭނާ އަށް ފުރުސަތު ނުދީ ފޮނުވާލާފައި އެބަހުރި ކަމަށެވެ.
"ބައެއް މީހުން ބުނާނެ ބަތަލަށް ވުރެ ކަލޭ މާ ދިގޭ. އެހެންވީމާ ނެތޭ ފުރުސަތެއް ދެވޭކަށް،" ކަލާޒުން ދައްކާ ރިއަލިޓީ ޝޯ "ހަތުރޯންކޭ ކިލާޅީ" ގެ 10 ވަނަ ސީޒަނުގައި ވާދަކުރާ ކަރިޝްމާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އަންހެނުން އިސްކޮޅުން މާ ބޮޑަށް ދިގުވުމަކީ އިންޑިއާގައި މައްސަލައެއްގެ ގޮތުގައި ދެކޭކަން ކުރިން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.
"އެކަމަކު އަހަރެން ދެކޭ ގޮތުގައި އަންހެނެއްގެ އިސްކޮޅުން ދިގުވުމަކީ އޭނާގެ ޝަހުސިއްޔަތު ވެސް ދައްކުވައިދޭ ކަމެއް. އެންޓަޓައިންމަންޓް އިންޑަސްޓްރީ މިހާރު ވަރަށް ބޮޑަށް ބަދަލުވަމުން އަންނާތީ މިހާރު ގަބޫލުކުރެވޭ ބަތަލާއިން އިސްކޮޅުން ދިގުވުމަކީ މައްސަލައެއް ނޫންކަން. އެކަމަކު އިސްކޮޅާ ހެދި ކުރިން އަހަރެން ހިތާމަކުރިން. އަދި ގަބޫލު ވެސް ކުރިން އެންޓަޓައިންމަންޓް އިންޑަސްޓްރީން އެއްވެސް މަސަައްކަތެއް ނުލިބޭނޭ. އެކަމަކު މިހާރު އިސްކޮޅާ މެދު އަހަރެން ފަހުރުވެރިވޭ."
ކަރިޝްމާ ބުނީ މީހާގެ ގާބިލްކަމާއި ކުޅަދާނަކަން ވަޒަންކުރަންވާނީ އެ މީހެއްގެ އިސްކޮޅާއި ހުންނަ ސިފައަކަށް ބަލައިގެން ނޫން ކަމަށެވެ.
"އަހަރެން ވަރަށް އުފާކުރަން ސަލްމާން ޚާން ފަދަ އެކްޓަރުން މިކަން ގަބޫލުކުރާތީ. އޭނަ ބުނެފައި އޮވޭ އަންހެން ކުއްޖެއްގެ އިސްކޮޅަކީ އެއްވެސް މައްސަލައެއް ނޫނޭ. ހުރިހާ ވެސް އެއްޗަކީ ހުނަރޭ." އޭނާ ބުންޏެވެ.
ކަރިޝްމާ ބުނިގޮތުގައި ޓީވީ އުފެއްދުންތަކުގައި މަސައްކަތްކުރަމުން ފިލްމު ކުޅެން ބޭނުންވާތީ އެކަމަށް ވެސް ބައެއް މީހުން ފާޑުކިޔާފައިވާ ކަމަށެވެ.
"ބައެއް މީހުން އަހާފައި އެބަހުރި ކީއްކުރަންހެއްޔޭ ފިލްމު ކުޅެނީ؟ ޓީވީ އިންޑަސްޓްރީ ފުދޭ ނޫން ހެއްޔޭ." އޭނާ ބުންޏެވެ. "އެކަމަކު އެކަހަލަ ވާހަކަތައް އަޑު އިވުމަކީ އަހަންނަކަށް މިހާރު މައްސަލައެެއް ނޫން. އެކްޓަރަކަށްވަންޏާ އެކަހަލަ ކަންކަމާ އަބަދު ވެސް ކުރިމަތިލާން ޖެހޭނެ. ކޮންމެ ކަމެއްގައި ވެސް އޮންނާނެ ޕޮޒިޓިވާއި ނެގަޓިވް."
ކަރިޝްމާ ހަމައެކަނި އިސްކޮޅުން ދިގީކީ ވެސް ނޫނެވެ. އޭނާ އަކީ އިންޑިއާގެ ބަތަލާއިންގެ ތެރެއިން އެންމެ ލޫޅާފަތި އެކެކެވެ. އެގޮތުން ޝިލްޕާ ޝެޓީ އާއި ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކައިފާއި އަނުޝްކާ ޝަރުމާމެން ފަދަ މަޝްހޫރު ބަތަލާއިންގެ ބްރެކެޓަށް އިސްކޮޅާއި ފިޓްނެސްގެ ގޮތުން ވެސް ކަރިޝްމާ ވަރަށް ފިޓްވެ އެވެ.
"ނާގިން 3" އާއި "ގަޔާމަތު ކީ ރާތު" "ބާލް ވީރު" ފަދަ ސިލްސިލާތައް ކުޅެފައިވާ ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ސަންޖޫ" އާއި "ގްރޭޓް ގްރޭންޑް މަސްތީ" އަދި "ދޯސްތީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy