19 އެޕްރީލް 2020 - 08:56
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ކޮރޯނާވައިރަހާ އެކު އެ ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައިސް، އަލުން މަސައްކަތް ފެށޭނެ އިރެއް ވެސް ނޭނގޭތީ މި އަހަރު ފިލްމު ސިނަމާތަކަށް ގެނައުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެންވެ ޑިސެމްބަރު މަހުގެ 25 އަށް ތާވަލުކޮށްފައިވާ "ލާލް ސިންގާ ޗައްޑާ" އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ދުވަހެއް މީޑިއާތަކުން ހިއްސާކޮށްފައިވާ ނުވާ އިރު، ފިލްމު ފަަސްކުރި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ރަސްމީކޮށް އާމިރު އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް "ލާލް ސިންގް ޗައްޑާ" ގެ ސްކްރީންޕްލޭގައި ހިއްސާވާ އަތުލް ކުލްކަރްނީ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ފިލްމު މި އަހަރު ރިލީޒްކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރުގެ އޮބްޓޯބަރުގެ ފަހު ދުވަހު ޗަންދީގަޅްގައި ރަސްމީކޮށް ޝޫޓިން ފެށި "ލާލް ސިންގް ޗައްޑާ" އަކީ އިންޑިއާގެ 100 ލޮކޭޝަނެއްގައި ޝޫޓްކުރާ ފިލްމެކެވެ. ކޮރޯނާވައިރަހާ ހެދި ފިލްމުގެ ޝޫޓިން ހުއްޓުމަކަށް އައި އިރު، އޭގެ ގިނަ މަންޒަރުތަކެއްގެ ޝޫޓިން އޮތީ ނިންމާލައިފަ އެވެ.
މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް 1994 ގައި ކުޅުނު އަދި އެތަކެއް އޮސްކާ އެވޯޑެއް ހޯދި "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ކޮމެޑީ ޑްރާމާއެވެ. އާމިރާ އެކު ކަރީނާ ކަޕޫރް ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމުގެ ޑައިރެކްޓަރަކީ 2017 ގައި ގެނެސްދިން އާމިރުގެ "ސުޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ.
އާމިރު ޕްރޮޑިއުސް ވެސް ކުރާ "ލާލް ސިންގް ޗައްޑާ" ގެ ކާސްޓުންގެ ތެރޭގައި ޓީވީ ބަތަލާ މޯނާ ސިންގް އާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީ ހިމެނެ އެވެ.
މި ފިލްމަކީ 2018 ގައި ރިލީޒްކުރި ފްލޮޕް ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު އާމިރު ކުޅޭ ފުރަތަމަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy