25 އެޕްރީލް 2020 - 09:45
މީގެ ދެ އަހަރު ކުރިން ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ރެއިޑް" އަކީ ވަރުގަދަ ފްރެންޗައިޒަކަށްވާނެ ކަމަށާއި އޭގެ ދެވަނަ ބައިގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ޓީ ސީރީޒްގެ ބުޝަން ކުމާރު ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް އޭނާ ބުނީ ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރި ފިލްމުގެ ދެވަނަ ބައި މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ. ބުޝަން ބުނިގޮތުގައި "ރެއިޑް" އާ އެއްގޮތަށް "ރެއިޑް 2" އަކީ ވެސް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭނެ ފިލްމެކެވެ.
އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް އަޖޭ ކުޅުނު "ރެއިޑް" އަކީ އާމްދަނީގެ ޓެކްސް އަށް މަކަރުހަދާ މީހުންތަކެއް އަތުލައިގަތުމަށް 1980 ގެ ތެރޭގައި އިންޑިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑަކަށް ބިނާކޮށް ހެދި ފިލްމެކެވެ.
"އަހަރެމެން ބޭނުންވާ ރެއިޑް މަލްޓި-ފްރެންޗައިޒަކަށް ހަދަން. އެގޮތުން މި ސީރީޒްގެ ފިލްމުތައް ބިނާކުރާނީ މުޅިން ވެސް ހަގީގީ ހާދިސާތަކުގެ މައްޗަށް،" ބުޝަން ބުންޏެވެ. "ރެއިޑް ދޭއްގެ ސްކްރިޕްޓްގެ މަސައްކަތް މި ވަގުތު ކުރަމުން އެބަދޭ."
ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ގެނެސްދޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.
"ރެއިޑް" އަކީ 2018 ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. އަޖޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ އިލިއާނާ ޑި ކްރޫޒެވެ. ޖުމްލަ 45 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރެއިޑް" އަކީ ބޮކްސް އޮފީހުގައި 142.81 ކްރޯޑް ރުޕީސް (19 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ރެއިޑް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ރާޖް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު އަރުޖުން ކަޕޫރާ އެކު ގެނެސްދިން "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ. އެކަމަކު އެއީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy