ރިޝީ ކަޕޫރްގެ "ޝަރުމާޖީ ނަމްކީން" ނިންމާނެ

ކުއްލި ގޮތަކަށް މިދިޔަ ބުރާސްފަތި ދުވަހު މަރުވި އިރު، އެކްޓަރު ރިޝީ ކަޕޫރް ޝޫޓިން ފަށާފައި އޮތް ފިލްމު "ޝަރުމާޖީ ނަމްކީން" ގެ މަސައްކަތް ނިންމާނެ ކަމަށާއި އެ ފިލްމު ބެލުންތެރިންނަށް ގެނެސް ދިނުމަކީ ރިޝީގެ ޝަރަފުގައި ކުރެވޭނެ ވަރަށް ހާއްސަ މަސައްކަތަކަށް ވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފި އެވެ.


ރިޝީ އާއި ޖޫހީ ޗާވްލާ އެކީގައި ކުޅެމުން ދިޔަ އެ އެ ފިލްމު، ރިޝީގެ މަރާއެކު ހުއްޓައިލަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނިކޮށް، ފިލްމު އުފެއްދުމުގައި ހިއްސާވާ އެކްސެލް އެންޓަޓައިންމަންޓްގެ އޮފިޝަލަކު ޕިންކްވިލާ އަށް ބުނީ "ޝަރުމާޖީ ނަމްކީން" ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.

އޭނާ ބުނިގޮތުގައި ފިލްމު ނިންމެން އޮތް ގޮތަކަށް ނިންމުމަށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ އެ މީހުން ކުރާނެ ކަމެކެވެ. އަދި އެ ފިލްމަކީ ރިޝީގެ ފަހު ފިލްމަށްވާތީ އެ ފިލްމަކީ ކޮންމެހެން ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ޖެހޭ ކަމަށް ބުންޏެވެ.

"އެހެންވީމާ މި ފިލްމު ނަހަދައި ނުބާއްވާނަން. މީގެ މަސައްކަތް އަހަރެމެން ފުރިހަމަކުރާނަން." އޮފިޝަލް ބުންޏެވެ.

ޝަރުމާޖީ ނަމްކީން" އަކީ ރިޝީ ލޭގެ ކެންސަރަށް ފަރުވާ ހޯދަން 2018ގެ ސެޕްޓެމްބަރު މަހުގެ 29 ގައި އެމެރިކާ އަށް ފުރުމުގެ ކުރިން އެ މަ މަހުގެ 17 ގައި އިއުލާންކުރި ފިލްމެކެވެ. އަދި އޭރު ރިޝީ ފުރައިގެން ދިޔަ އިރު، ފިލްމުގެ ބައެއް މަންޒުތައް އޮތީ ޝޫޓްކޮށްފަ އެވެ. އޭނާ ފަރުވާ އަށް ފަހު އެނބުރި އަންނަންދެން އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

އެގޮތުން "ޝަރުމާޖީ ނަމްކީ" ގެ މަސައްކަތް އަލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެނބުރި އިންޑިއާ އަށް ދިއުމަށް ފަހު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ އެވެ. އެގޮތުން ނިއު ދިއްލީގައި ޝޫޓިން ފަށަން އޮތް ދުވަހުގެ ކުރީ ދުވަހު ޖެނުއަރީ މަހުގެ 14 ގައި ރިޝީގެ ދައްތަ ރީތޫ ނަންދާ މަރުވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވުމަށް ފަހު، ރިޝީ ވަނީ ހަމަ އެ ހަފުތާގައި ފިލްމުގެ ޝޫޓިން ފަށައިފަ އެވެ.

އާއިލާގެ މީހަކު މަރުވެފައި ވަނިކޮށް ފިލްމީ މަސައްކަތަށް ރިޝީ އަލުން އެހާ އަވަހަށް ނުކުތުމުން ފިލްމުގެ ޓީމަށް ބޮޑު ހައިރާންކަމެއް ވެސް ލިބުނެވެ. އެކަމާ ގުޅިގެން އޭރު ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ހަނީ ތެހްރާން ބުނީ ރިޝީގެ ފަރާތުން ފެނުނީ އޭނާގެ ބައްޕަ ރާޖް ކަޕޫރް ދެއްކި ނަމޫނާ ކަމަށެވެ.'

"އަހަރެމެން އެ ވާހަކަ ދެއްކީމަ ރިޝީ ބުނަނީ ހާލަތަކަށް ރިއާޔަތްކުރާނެ ކަމެއް ނެތޭ ދަ ޝޯ މަސްޓް ގޯ އޮންއޭ. އެއީއޭ ތިމަންނަމެންނަށް ބައްޕަ ދަސްކޮށްދިން ފިލާވަޅަކީ." އޭނާ ބުންޏެވެ.

ރިޝީގެ މަރާ އެކު ޖޫހީ ވަނީ "ޝަރުމާކީ ނަމްކީން" ގެ މަސައްކަތް އޭނާއާ އެކީ ކުރިން ވެސް ފިލްމުތަކެއް ކުޅުނު އެކްޓަރާ އެކު ފުރިހަމަކުރަން ނުލިބުނީތީ ވަރަށް ހިތާމަކުރާ ކަމަށް ބުނެފަ އެވެެ. އަދި ރިޝީގެ ކުއްލި ވަކިވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުންޏެވެ.

ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ހަދާ "ޝަރުމާޖީ ނަމްކީން" އަކީ ހިތޭޝް ބާޓިއާ ޑައިރެކްޓްކުރާ ފިލްމެކެވެ. ޖޫހީ ބުނިގޮތުގައި ރިޝީ މަރުވި އިރު، ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ނަގައި، އޭގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ.

ރިޝީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި "ދަ ބޮޑީ" އިންނެވެ. އޭނާ އެމެރިކާ އަށް ފަރުވާ އަށް ފިރައިގެން ދިޔަ ފަހުން ވެސް ކުރިން ކުޅެފައި އޮތް ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ ނެޓްފްލިކްސް އިން 2018 ގެ ނޮވެމްބަރުގައި ސްޓްރީމްކުރީ "ރާޖްމާ ޗާވަލް" އާއި މިދިޔަ އަހަރުގެ ޖުލައި 19 ގައި ރިލީޒްކުރި "ޖޫޓާ ކަހީކާ" އެވެ.