ޒައިދު.
21 މެއި 2020 - 09:50
ކުޅޭނެ ފިލްމެއް ނުލިބި ބޮލީވުޑުން ގެއްލުނު އެކްޓަރު ޒައިދު ޚާން އަލުން ބޮލީވުޑަށް ނެރުމުގެ މަސައްކަތް އޭނާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ސަންޖޭ ޚާން ފަށައިފި އެވެ.
މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޒައިދަކީ ބޮލީވުޑަށް ނުކުތް އެކްޓަރުންގެ ތެރެއިން އެންމެ ރީތި އެއް އެކްޓަރުކަމަށާއި ބައްޕައެއްގެ ހައިސިއްޔަތުން ޒައިދާ އެކު ފިލްމު ހެދުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންވެ މިހާރު ފިލްމަކަށް ސްކްރިޕްޓެއްގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.
ސަންޖޭ، 79، ބުނިގޮތުގައި ޒައިދާ އެކު ހަދާނީ އިންޑިއާ އަށް މިނިވަންކަން ލިބުނު އަހަރު ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1947 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ މުހައްމަދު އުސްމާންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި ފިލްމުގައި މުހައްމަދުގެ ރޯލް ކުޅޭނީ ޒައިދު ކަމަށް ވެސް ބުންޏެވެ.
"އަހަރެން މަސައްކަތްކުރާނަން ޒައިދާ އެކު ވަރަށް ފުރިހަމަ ފިލްމެއް ގެނެސްދޭން. ޔަގީންކަން ދެން މިހާރު ވެސް ކުރިން ނުފެންނަ ޒައިދެއް މި ފަހަރު ފެނިގެންދާނެ،" ސަންޖޭ ބުންޏެވެ. "އަހަރެން މިހާރު މި އަންނަނީ ސްކްރިޕްޓްގެ މަސައްކަތްކުރަމުން. ވަރަށް ފުރިހަމަ ސްކްރިޕްޓަކަށް ފިލްމު ހަދާނީ. މި ފިލްމުން އިންޑިއާގެ އަސްކަރިއްޔާ ކުޅަދާނަކަމާއި ގާބިލުކަން ވެސް ވަރަށް ބޮޑަށް ދައްކުވައިދޭނެ."
ޒައިދަކީ ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާންގެ ކޮއްކޮ އެވެ. ޒައިދަކީ ސަންޖޭގެ ހަތަރު ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަދި ހަގު ދަރިފުޅު ވެސް މެ އެވެ. އޭނާގެ ދެން ތިބެނީ ފަރާ އަލީ ޚާނާއި ސައިމަން އަރޯރާ އެވެ.
ޒައިދު، 39، ބޮލީވުޑަށް ނުކުތީ 2003 ގެ "ޗުރާ ލިޔާ ހެ ތުމްނޭ" އިންނެވެ. އެކަމަކު އޭނާ އަކީ ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ލިބުނު އެކްޓަރެއް ނޫނެވެ.
ޒައިދު ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމަކީ ޝާހްރުކް ޚާނާ އެކު ފަރާ ޚާން ޑައިރެކްޓަރެއްގެ ގޮތުގައި ނުކުތް 2004 ގެ "މޭ ހޫ ނާ" އެވެ.
ޒައިދު ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ޝަބުދު"، "ދަސް" އަދި "ބުލޫ" ހިމެނެ އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2015 ގެ "ޝަރާފަތު ގައީ ތެލް ލޭނޭ" އެވެ.
ކުޅޭނެ ފިލްމެއް ނުލިބި ކެރިއަރު އަޑިއަޅައިލުމުން ޒައިދު ވަނީ ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ސޮނީ ޓީވީން 2017-2018 އަށް ގެނެސްދިން "ހާސިލް" ގެ ރޯލެއް އޭނާ ކުޅެފައިވެ އެވެ.
ޒައިދަކީ ދެ ކުދިންގެ ބައްޕައެކެވެ. އޭނާ އާއި މަލައިކާ ޕަރޭކް ކައިވެނިކުރީ 2005 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy