ރިޝީގެ ހަނދާންތަކެއް ނުފިލާނެ: ރަންދީރް ކަޕޫރް

މީގެ ވިއްސަކަށް ދުވަސް ކުރިން މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ ހަނދާންތައް ދުވަހަކު ވެސް ނުފިލާނެ ކަމަށް ރިޝީގެ ބޭބެ ރަންދީރް ކަޕޫރް ބުނެފި އެވެ.


މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ކަރިޝްމާ އާއި ކަރީނާގެ ބައްޕަ ބުނީ ރިޝީ އެހާ އަވަހަށް އެ މީހުންނާ ވަކިވެގެންދާނެ ކަމަކަށް ދުވަހަކު ހީނުކުރާ ކަމަށެވެ. އަދި އޭނާގެ ކުއްލި މަރަކީ މުޅި އާއިލާ އަށް ލިބުނު ފުން ހިތާމައެއް ކަމަށާއި ރިޝީގެ ހަނދާންތައް ފަނޑުވުމެއް ނެތި އާއިލާ ތެރޭގައި އޮންނާނެ ކަމަށް ބުންޏެވެ.

"އަހަރެމެންގެ އާއިލާ މި އަންނަނީ މަޑުމަޑުން މި ހިތާމައި އާއި ހިތްދަތި ހާލުން އަރައިގަންނަން މަސައްކަތްކުރަމުން. އެންމެން ވެސް ވަރަށް އެބަ ހިތްވަރުކުރޭ،" ރަންދީރް ބުންޏެވެ. "އަހަރެމެންގެ ހިތާއި ސިކުނޑީގައި އަބަދު ވެސް ރިޝީ ވާނެ."

އޭނާ ބުނިގޮތުގައި ކަޕޫރް ހާންދަނަކީ އަބަދު ވެސް އާއިލީ ގުޅުން ވަރުގަދަ އަދި ގާތް މީހުންނާ ވެސް އޮންނަ ގުޅުން ބަދަހި އާއިލާއަކަށްވާތީ، އެ ގުޅުން އަބަދު ވެސް އެގޮތުގައި ދަމަހައްޓާނެ އެވެ. އަދި ކަޕޫރް ޚާންދާންގެ އެންމެ ބޮޑު ޝަރަފަކީ ވެސް އެއީ ކަމަށް ބުންޏެވެ.

ލޭގެ ކެންސަރަށް ފަރުވާ ހޯދާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން ރިޝީ މަރުވީ މިދިޔަ މަހުގެ 30 ގަ އެވެ. އޭނާ މަރުވި ފަހުން އަންހެނުން ނީޓޫ އާއި އަންހެން ދަރިފުޅު ރިދިމާ ކަޕޫރް ކޮންމެ ދުވަހަކު ވެސް ރިޝީގެ ފޮޓޯތަކާ އެކު، ހަނދާންތައް އިންސްޓަގްރާމްގައި އާކުރަމުން ދެ އެވެ.

ރިޝީ އަކީ އެކްޓަރު ރަންބީރް ކަޕޫރްގެ ބައްޕަ އެވެ. ރިޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ ތިން ފިރިހެން ދަރިންގެ ތެރެއިން ދެވަނަ ދަރިފުޅެވެ. އަދި އޭނާ އަކީ ރާޖްގެ ފަހުން ކަޕޫރް ޚާންދުން އެންމެ ބޮޑަށް ވިދި އެކްޓަރު ވެސް މެ އެވެ.