ވެބް ސީރީޒް "ކެހެނޭ ކޯ ހަމްސަފަރު 3" އަންނަ މަހުގެ 6 ގައި

އެކްތާ ކަޕޫރްގެ ބާލާޖީގެ ޑިޖިޓަލް ގޮފި އޯލްޓް ބާލާޖީގެ ކާމިޔާބު ވެބް ސީރީޒް "ކެނެހޭ ކޯ ހަމްސަފަރު" ގެ ސީޒަން ތިނެއް އަންނަ މަހުގެ 6 ގައި ސްޓްރީމްކުރަން ނިންމައި، މީގެ ޓްރެއިލާ ހޮނިހިރު ދުވަހު ދައްކައިލަން ނިންމައިފި އެވެ.


އޯލްޓް ބާލާޖީން ވަނީ މީގެ ޕްރޮމޯޝަންތައް ފަށައި ޓްވިޓާގައި މޯޝަން ޕޯސްޓަރާއި ސްޓިލް ޕޯސްޓަރުތަކެއް ވަކިވަކި ކާސްޓުންނާ އެކު ދައްކާލައިފަ އެވެ.

"ކެހެނޭ ކޯ ހަމްސަފަރު" އަކީ އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ތަރިންގެ ތެރޭގައި ދެ ތަރިއެއްގެ އިތުރުން ބޮޑު ކާސްޓެއް ފެންނާނެ ސީރީޒެކެވެ.

މީގެ ލީޑް ތަރިންނަކީ ރޯނިތު ރޯއި (ބަޖާޖް) އާއި މޯނާ ސިންގެވެ. ލޯބީގެ ވާހަކައެއް ކިޔައިދޭ ސީރީޒްގެ އިތުރު ކާސްޓުންގެ ތެރޭގައި ގުރްދީޕް ކޯލީ އާއި ޕޫޖާ ބެނަޖީ އާއި ޕަލަކް ޖެއިން އަދި އަޕޫރްވާ އަގުނިހޯތުރީ ފަދަ ތަރިން ހިމެނެ އެވެ.

"ކެހެނޭ ކޯ ހަމްސަފަރު" ގެ ސީޒަން ތިނެސްދޭން ވަގުތު ކުޑަތަން ވަމުން އަންނަ އިރު މީގެ ފުރަތަމަ ސީޒަން 15 އެޕިސޯޑާ އެކު ގެނެސްދިނީ 2018 ގަ އެވެ. އަދި ދެވަނަ ސީޒަން 26 އެޕިސޯޑާ އެކު ގެނެސްދިނީ މިދިޔަ އަހަރު އެވެ. ތިން ވަނަ ސީޒަނުގައި ހިމެނޭނީ ކިތައް އެޕިސޯޑް ކަމެއް އަދި ނޭނގެ އެވެ.

މީގެގެ ޑައިރެކްޓަރުންނަކީ އަނިލް ވީ ކުމާރާއި ކަޕިލް ޝަރުމާ އެވެ.

އޯލްޓް ބާލާޖީގެ މޮބައިލް އެޕުން ސްޓްރީމްކުރާ މި ސީރީޒްގެ ފުރަތަމަ ދެ ސީޒަން ވަނީ ދާދި ފަހުން ޒީ ޓީވީން ވެސް ގެނެސްދީފަ އެވެ. އެއީ ކޮރޯނާވައިރަހާ ދިމާކޮށް އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު، އެ ޗެނެލްގެ އުފެއްދުންތަކުގެ ޝޫޓިންތައް ހުއްޓުމާ ގުޅިގެންނެވެ.

"ކެހެނޭ ކޯ ހަމްސަފަރު 3" ގެނެސްދޭ އިރު، އޯލްޓް ބާލާޖީގެ "ބާރިޝް" ގެ ދެވަނަ ސީޒަން ވެސް މި މަހުގެ ކުރީކޮޅު ވަނީ ސްޓްރީމްކުރަން ފަށައިފަ އެވެ. އޭގެ ރޯލެއް އެކްތާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާ ވެސް ކުޅެފައިވެ އެވެ.

"ބާރިޝް" ގެ ލީޑް ތަރިންނަކީ ޝަރުމަން ޖޯޝީ އާއި އާޝާ ނެގީ އެވެ.