މޯހިތު.
02 ޖޫން 2020 - 09:36
މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "މަލަންގް" ގެ ދެވަނަ ބައިގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް ނިންމާލައިފި އެވެ.
ޑައިރެކްޓަރު މޯހިތު ސޫރީ ސޯޝަލް މީޑިއާގައި ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާކަން ހިއްސާކޮށް ބުނެފައި ވަނީ ރަނގަޅު ފިލްމެއް ހަދަން ބޭނުން ވަނީ ތިން ކަމެއް ކަމަށެވެ. އެގޮތުން ހޮލީވުޑްގެ ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކް ބުނެފައިވާ ގޮތަށް އެ ތިން ކަމަކީ ސްކްރިޕްޓް، ސްކްރިޕްޓް އަދި ސްކްރިޕްޓް ކަމަށް ބުންޏެވެ.
ރޮމޭންޓިކް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "މަލަންގް" އަކީ އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓާނީ ލީޑް ރޯލް ކުޅުނު ފިލްމެކެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރާއި ކުނާލް ކޭމޫ ހިމެނެ އެވެ.
ފެބްރުއަރީ 7 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 84.50 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ. ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު މިދިޔަ މަހު ނެޓްފްލިކްސް އަށް ވެސް "މަލަންގް" ދޫކޮށްލުމާ އެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
"މަލަންގް 2" ތައްޔާރީތައް މޯހިތު ފަށާފައިވާ އިރު، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ފިލްމުގެ ދެވަނަ ބައިން ވެސް އަދިތިޔާ ރޯއި ކަޕޫރް ފެންނާނެކަން ކަށަވަރު ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި ދެވަނަ ބައިގެ ބަތަލާގެ ރޯލް ޝްރަދާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "އާޝިގީ 2" ވެސް ގެނެސްދިން މޯހިތުގެ ކުރިއަށް އޮތް ފިލްމަކީ އަަދިތިޔާ އާއި ޑިޝާގެ އިތުރުން ޖޯން އަބްރަހަމާއި ތާރާ ސުތާރިއާއާ އެކު ހަދަން ނިންމާފައިވާ "ދޯ ވިލަން" އެވެ. މިއީ 2014 ގައި އޭނާ ގެނެސްދިން "އޭކް ވިލަން" ގެ ދެވަނަ އެވެ.
ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy