"މަލަންގް" ގެ ޕޯސްޓަރެއް.
21 މެއި 2020 - 09:55
މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ޑައިރެކްޓަރު މޯހިތު ސޫރީގެ ކާމިޔާބު ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓާނީ ލީޑް ރޯލް ކުޅުނު އެ ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްމްސް ގުޅިގެން އުފެއްދި ފިލްމެކެވެ. "މަލަންގް" ގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ހިމެނެ އެވެ.
ފެބްރުއަރީ މަހުގެ 7 ގައި ރިލީޒްކުރި އެ ފިލްމަކީ ބޮކްސް އޮފީހުގައި 84.50 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. "މަލަންގް" މިހާރު ނެޓްފިލްސް އިން ވެސް ޓްރީމްކުރަމުން އަންނަ އިރު، ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ފިލްމުގެ ދެވަނަ ބައި ހަދާކަން ކަށަވަރުކޮށްދެމުން، ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އަންކޫރް ގަރްގް ބުނީ ސްކްރީންޕްލޭގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.
"ފިލްމާ ބެހޭ އިތުރު ތަފުސީލުތައް ލަވް އާއި މޯހިތު ވަރަށް އަވަހަށް ހިއްސާ ވެސް ކުރާނެ." އޭނާ ބުންޏެވެ.
"މަލަންގް" ގެ ކާމިޔާބީ އަށް ފަހު، މޯހިތު ވަނީ އަދިތިޔާ އާއި ޑިޝާއާ އެކު އެހެން ފިލްމެއް ވެސް ހަދަން އިއުލާންކޮށްފަ އެވެ. އެއީ 2014 ގައި އޭނާ ގެނެސްދިން "އޭކް ވިލަން" ގެ ދެވަނަ ބައެވެ. އެގޮތުން "ދޯ ވިލަން" ގެ ނަމުައި ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމާއި ތާރާ ސުތާރިއާ ވެސް ހިމެނެ އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ.
މޯހިތު ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2" އާއި "ޒެހެރު" އަދި "ހަމާރީ އަދޫރީ ކަހާނީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
21 May 2020
މިހާސަޅި އިސްތިހާރެއް ދުވަހަކުވެސް ނުދެކެމެވެ. ހުރިހާ ފުރާނަ އެއްވެސް ލެވިފަ އެބުހުށްޓެވެ. ޚާއްސަކޮށް އެހުންނަ ސަޅިމިއުޒިކެއްގެ ސަބަބުން ބަލާހިޔް ވެއްޖެއެވެ.