އަނޫރާގް.
03 ޖޫން 2020 - 09:23
ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕް އަނެއްކާ ވެސް އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދައިފި އެވެ.
"ގުޑް ބޭޑް ފިލްމްސް" ގެ ނަމުގައި އަމިއްލަ އާ ޕްރޮޑްކްޝަން ހައުސްއެއް، މިހާތަނަށް ކާމިޔާބު އުފެއްދުންތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އުފައްދާފައި ވަނީ އޭނާ އާއި އިތުރު ތިން އެކުވެރިއަކު ހިއްސާވެގެން އުފެއްދި ފިލްމު ކުންފުނި ފޭންޓަމް ފިލްމްސް 2018 ގައި އުވާލާފައި ވަނިކޮށެވެ.
އަނޫރާގް ވަނީ އާ ކުންފުނީގެ ލޯގޯ އާއި ކުންފުނީގައި އޭނާއާ އެކު ހިއްސާވާ މީހުންގެ މައުލޫމާތު ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން "ގުޑް ބޭޑް ފިލްމްސް" ގައި އަނޫރާގާ އެކު ހިއްސާވަނީ ދުރޫވް ޖަގައިސް އާއި އަކްޝޭ ތައްކަރު އެވެ.
އަނޫރާހް ބުނީ އެ ދެ މީހުންނަކީ އޭނާ ވަރަށް އިތުބާރުކުރާ ގާތް ދެ ތަނބުކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވަޒަންކޮށްލަން އާންމުންނަށް ދޫކޮށްލާ ކަމަށެވެ.
އަލަށް އުފެއްދި ކުންފުނި "ގުޑް ބޭޑް ފިލްމްސް" އިން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމަކީ އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާ "ޗޯކްޑް: ޕައިސާ ބޯލްތާ ހޭ" އެވެ. މިއީ 2018 ގައި ރިލީޒްކުރި "މަންމަރުޒިޔާ" އަށް ފަހު، އަނޫރާގް ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
.@anuragkashyap72 is cooking up something unusual in the Netflix kitchen.@SaiyamiKher #RoshanMatthew pic.twitter.com/QKsK1QTb4A
— Netflix India (@NetflixIndia) May 21, 2020
އޭނާގެ ކުރީގެ ފިލްމު ކުންފުނި ފެންޓަމްގައި ހިއްސާވެފައި ވަނީ ޑައިރެކްޓަރު ވިކާސް ބާލް އާއި މަދޫ މަންޓޭނާގެ އިތުރުން ވިކްރަމަދިޔާ މޮޓްވާނާ އެވެ.
އެ ކުންފުނީގެ ތައްގަނޑުގައި އެންމެ ފަހުން ގެނެސްދިން ފިލްމަކީ ކުންފުނި އުވައިލުމުގެ ކުރިން މަސައްކަތް ފަށާފައި އޮތް އަދި މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ "ސުޕަ 30" އެވެ.
ފޭންޓަމުން ގެނެސްދިން އިތުރު ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގްގެ "ލުޓޭރާ" އާއި ކަންގަނާ ރަނާވަތުގެ "ކްއީން" އާއި އާލިއާ ބަޓްގެ "ޝާންދާރު" އާއި ރަންބީރް ކަޕޫރްގެ "ބޮމްވޭ ވެލްވެޓް" އާއި ވިކީ ކޯޝަލްގެ "މަސާން" ގެ އިތުރުން ޝާހިދު ކަޕޫރްގެ "އުޅުތާ ޕަންޖާބު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy