"ކްއީން" އާއި "މަސާން" އަދި "އުޅުތާ ޕަންޖާބް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ބޮލީވުޑްގެ ފިލްމު ކުންފުނި ފެންޓަމް ފިލްމްސްގެ ހިއްސާދާރުންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލު ނުކުރެވި، އެންމެ ފަހުން އެ ކުންފުނި އުވާލައިފި އެވެ.
ފެންޓަމް ފިލްމްސްއަކީ ޑައިރެކްޓަރު އަނޫރާގް ކެޝަޕާއި "ކްއީން" ގެ ޑައިރެކްޓަރު ވިކާސް ބަލް އާއި ދާދި ފަހުން ރިލީޒް ކުރި "ބަވޭޝް ޖޯޝީ" ގެ ޑައިރެކްޓަރު ވިކްރަމަދިޔާ މޮޓްވާނާގެ އިތުރުން ޕްރޮޑިއުސަރު މަދޫ މަންޓޭނާ ހިއްސާވާ ގޮތަށް މީގެ ހަތް އަހަރު ކުރިން އުފެއްދި ކުންފުންޏެވެ. ފެންޓަމްގެ ތައްގަނޑާ އެކު އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި އަނޫރާގްގެ "މަންމަރްޒިޔާން" އެވެ.
އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒް ކުރާ ރިތިކް ރޯޝަންގެ "ސުޕަ 30" އަކީ ފޭންޓަމަށް ކްރެޑިޓް ލިބޭ ގޮތަށް ސްކްރީނަށް އަންނާނެ ފަހު ފިލްމު ކަމަށް ބެލެވެ އެވެ. މި ފިލްމަކީ ވިކާސްގެ ޑައިރެކްޝަނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި އަހަރުތަކުގައި ވިކާސް އާއި މަދޫއާ ކުންފުނީގެ އަނެއް ދެ ހިއްސާދާރުންނާ މާ ބޮޑު ގުޅުމެއް ނެތެވެ.
ވަކިން ހާއްސަކޮށް ވިކާސްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް 2015 ގައި އެޅުނު ފަހުން، ވިކާސް އާއި ފެންޓަމްގެ އެހެން ހިއްސާދާރުންގެ މެދުގައި މާ ބޮޑު ގުޅުމެއް ނެތް ކަމަށްވެ އެވެ.
ފެންޓަމް ބަންދު ކުރަން ނިންމިކަން ހިއްސާ ކުރަމުން ހިއްސާދާރުން ވަނީ ޓްވީޓް ވެސް ކޮށްފަ އެވެ. އެ މީހުންގެ ޓްވީޓްތަކުގައި ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ނިމުމަކަށް ގެންނަން ޖެހުމަކީ އެހާ ބޭނުންވި ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
"ފެންޓަމް ދަމަހައްޓަން ބޭނުންވި ނަމަވެސް އެ މަސައްކަތުގައި އަހަރެމެން ވަނީ ފެއިލްވެފައި. މިއީ ހުވަފެންތައް ބިލާހަކަށްވުން ކަހަލަ ކަމެއް،" ފެންޓަމްގެ ދަށުން "ބޮމްބޭ ވެލްވެޓް" އާއި "މުއްކަބާޒް" ވެސް ގެނެސް ދިން އަނޫރާގް ބުންޏެވެ.
ހިއްސާދާރުން ބުނި ގޮތުގައި ފެންޓަން އުވައިލި ނަމަވެސް، ވަކިވަކި ޑައިރެކްޓަރުން/ޕްރޮޑިއުސަރުންގެ ގޮތުގައި އެ މީހުން މަސައްކަތް ކުރާނެ އެވެ.
ފެންޓަމް ވުޖޫދަށް ގެނައި އިރު އިންޑިއާގެ މަހުޖަނު އަނިލް އަމްބާނީގެ ރިލަޔަންސް އެންޓަޓައިމަންޓަށް 50 ޕަސަންޓް ބައި އަޅާ ގޮތަށް އަހަރަކު 5-6 ފިލްމު ހަދަން އޮތީ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު އެ ކުންފުނި އުވައިލި ނަމަވެސް، ރިލަޔަންސާ އެކު، ހަތަރު މީހުން ވެސް ފިލްމު ހަދާނެ އެވެ.
ފެންޓަމް އިން ހަދާފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "އުނގުލީ"، "ހަސީ ތޯ ޕަސީ" "އެންއެޗް 10"، "ޝާންދާރް" އަދި "ޓްރެޕްޑް" ހިމެނެ އެވެ.