"އޭ ދިލް ހެ މުޝްކިލް"ގެ ލަވައެއްގައި ރަންބީރު ކަޕޫރު
19 އޮކްޓޯބަރ 2016 - 06:12
ރަންބީރު ކަޕޫރަކީ ތިން ޚާނުންނަށް ފަހު ބޮލީވުޑުން އުފަން ވާނެ ސުޕަސްޓާރެއް ކަމަށް ގިނަ ބަޔަކު ބުނި ދުވަސްވަރެއް ދިޔަ އެވެ. ނަމަވެސް އެންމެ ފަހުން ނުކުތް އޭނާގެ ގިނަ ފިލްމުތައް ފްލޮޕްވުމާ އެކު ރަންބީރުގެ ކެރިއަރަށް ވަނީ ނުރަނގަޅު އަސަރުތައް ކޮށްފަ އެވެ. އެހެންކަމުން ރަންބީރުގެ ހުރިހާ ވެސް އުންމީދެއް މިހާރު ގުޅިފައިވަނީ މި މަހުގެ 28 ގައި ރިލީޒްކުރާ އޭނާގެ "އޭ ދިލް ހެ މުޝްކިލް" އާ އެވެ. ހިޓް ފިލްމަކާ އެކު އަނެއްކާވެސް އޭނާގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފަށާނެކަމުގެ އުންމީދެވެ.
ދާދި ފަހުން ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ އޭނާގެ ފިލްމުތައް މި ފަހުން ފްލޮޕްވުމުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
ރަންބީރުގެ އެންމެ ފަހުން ނުކުތީ މިދިޔަ އަހަރުގެ ނޮވެމްބަރު އެޅުވި "ތަމާޝާ" އެވެ. "ޖައްގާ ޖާސޫސް" ރިލީޒްކުރަން އޮތީ މި އަހަރު އެވެ. އެކަމަކު އެ ފިލްމު ނިންމުން ވަރަށް ބޮޑަށް ލަސްވުމުން ހުރިހާ ވެސް ޕްރެޝަރެއް މިހާރު އޮތީ "އޭ ދިލް ހެ މުޝްކިލް" އަށެވެ.
"އަހަރެންގެ ގިނަ ފިލްމުތަކެއް ފްލޮޕްވުމުން އަހަރެންގެ ފިލްމުތައް ނުހިނގާކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވޭ. މި ހިތް ނުތަނަވަސްކަމުން ސަލާމަތްވެވެން އަންނަނީ މިފަހަރުގެ ފިލްމު ރަނގަޅަށް ހިނގައިގެން. އޭރުން އަހަންނަށް ޖަލުން މިނިވަންވީ ކަމުގެ އިހްސާސް ކުރެވޭނެ. އަދި ހަމަޖެހިލައިގެން ކުރިޔަށް ހުރި ފިލްމުތަކުގެ މަސައްކަތް ކުރެވޭނެ،" ރަންބީރު ބުންޏެވެ.
ރަންބީރާއި އައިޝްވަރިޔާ ފިލްމުފެއާ ކަވަރުގައި އަދި އެ މަޖައްލާގެ ފޮޓޯ ޝޫޓް
"އޭ ދިލް ހެ މުޝްކިލް"ގައި އައިޝްވަރިޔާ ރާއީ އާއި ރަންބީރުގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ހިމެނެ އެވެ.
ރަންބީރު ބުނި ގޮތުގައި އައިޝްވަރިޔާ އާއި އޭނާއަކީ ވަރަށް ކުރިއްސުރެ ދެ އެކުވެރިންނެވެ. ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ޑައިރެކްޓްކުރި "އާ އަބް ލޯޓް ޗަލޭ" އައިޝްވަރިޔާ ކުޅުނުއިރު ރަންބީރު ވަނީ އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 13 އަހަރެވެ.
"އޭރު އަހަރެމެން ދެ މީހުން ލިބޭ ހުސް ވަގުތުތަކުގައި ފިލްމުތަކާ ގުޅޭ ގޮތުން ވަރަށް ގިނައިން ވާހަކަ ދައްކަން. އެއީ އައިޝްވަރިޔާ "'ހަމް ދިލް ދޭ ޗުކޭ ސަނަމް' ކުޅުނު ދުވަސްވަރު ވެސްމެ. އޭރު ސަންޖޭ ލީލާ ބާންސާލީއާ އެކު މަސައްކަތް ކުރެވޭތީ އައިޝްވަރިޔާ ހުރީ ވަރަށް އުފަލުން،" ރަންބީރު ބުންޏެވެ.
އޭގެ ފަހުން ވެސް އެކި ތަންތަނުން ދޭތެރެ ދޭތެރެއިން އައިޝްވަރިޔާއާ ބައްދަލުވެ އެކުވެރިކަން ދެމިއޮތް ކަމަށް ރަންބީރު ބުންޏެވެ.
"އައިޝްވަރިޔާ އަކީ ވަރަށް ޕްރޮފެޝަނަލް ބަތަލާއެއް. އޭނާ ފެނިލުމުން ވެސް ސުޕަސްޓާރެއް ފެނުނީމަ ކުރެވޭ ކަހަލަ އިހްސާސެއް ކުރެވޭ،" ރަންބީރު ބުންޏެވެ.
"އައިޝްވަރިޔާއަކީ ގިނަ މީހުންނަށް އޭނާގެ ގޮތް ނޭނގުނަސް ވަރަށް އެކުވެރި މިޒާޖެއްގެ ބަތަލާއެއް. އެހެންކަމުން އައިޝްވަރިޔާއާ އެކު މަސައްކަތްކުރުމުން ވަރަށް ހިތްގައިމު އުފަލެއް ލިބުނު. އޭނާ ދުވަހަކު ވެސް ޝޫޓިން އަށް ގަޑިޖެހިގެނެއް ނާންނާނެ. އަދި ފޮނިދައްކާ ބޮޑާވެގެނެއް ވެސް ނޫޅޭނެ."
އައިޝްވަރިޔާ އަށް ތައުރީފްކުރަމުން ރަންބީރު ބުނީ އެއީ ވަރަށް ކެތްތެރި މީހެއް ކަމަށެވެ. އެގޮތުން އޭނާ ޑައިލޮގް ކިޔަމުން ގޮސް ތަންކޮޅެއް ހަނދާން ނެތުނަސް އައިޝްވަރިޔާ އެއްވެސް މައްސަލައެއް ނުޖައްސާ ކަމަށް ބުންޏެވެ.
"އެކްޓަރަކަށް ދޭންވާ ގަދަރު އޭނާ އަހަންނަށް ދިން،" ރަންބީރު ބުންޏެވެ.
ރަންބީރާއި އައިޝްވަރިޔާގެ ފިލްމުފެއާ ފޮޓޯ ޝޫޓް
ރަންބީރު އާއި އައިޝްވަރިޔާގެ ޖޯޑު ގުޅޭނީ ކިހާ ވަރަކަށް ކަން ބަލަން ގިނަ މީހުންނަށް އޮތް ފުރުސަތަކީ "އޭ ދިލް ހެ މުޝްކިލް" އެވެ. ފިލްމު ރިލީޒްކުރުމާ ދިމާކޮށް ފިލްމުފެއާ އަށް މި ދެ ތަރިންގެ ހާއްސަ ފޮޓޯ ޝޫޓެއް ވެސް ނެގި އެވެ.
ފޮޓޯ ޝޫޓަށް ފަހު ރަންބީރު ބުނީ ލޯތްބާއި އުމުރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެގޮތުން ތިމާއަށް ވުރެ 10 އަހަރު ދޮށީ ނުވަތަ 10 އަހަރު ހަގު މީހަކާ ވެސް ލޯބި ވެވިދާނެ ކަމަށް ވެސް ބުންޏެވެ. އަދި އެފަދަ ލޯބީގެ ގުޅުންތައް ކާމިޔާބު ވެފައި ހުރި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
މީގެ ކުރިން ވެސް ވަރަށް ގިނަ ފިލްމީ ތަރިން އެކުގައި ފޮޓޯ ޝޫޓްތައް ބޭއްވި އެވެ. ނަމަވެސް އައިޝްވަރިޔާއާ އެކު ރަންބީރު ނެގި ކަހަލަ ފޮޓޯތަކެއް މިހާތަނަށް ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ފިލްމުފެއާގައި ޖެހި ދެ ތަރިންގެ ފޮޓޯތައް "އޭ ދިލް ހެ މުޝްކިލް" ގެ "ބުލެޔާ" ލަވަޔަށް ވުރެ ވެސް މާ ރޮމެންޓިކް ކަމަށް އެއް ބަޔަކު ދެކެ އެވެ.
މީގެ ކުރިން ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި އާލިއާ ބަޓް އާއި ސިދާރްތު މަލްހޯތުރާ ވެސް އެފަދަ ފޮޓޯ ޝޫޓްތަކުގައި ބައިވެރިވި އެވެ. ނަމަވެސް އެ ފޮޓޯތަކުގެ ކުލަ، ރަންބީރާއި އައިޝްވަރިޔާގެ ފޮޓޯތަކާ އެކު މިހާރު ވަނީ ފަނޑުވެފަ އެވެ.
"އޭ ދިލް ހެ މުޝްކިލް" އޮކްޓޯބަރު 28 ގައި އަޅުވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ދަރްމާ ޕްރޮޑަކްޝަން އިން ބުނެފައި ވިޔަސް އިންޑިޔާގެ މަހަރަޝްތުރާގެ ނުފޫޒު ގަދަ ސިޔާސީ ޕާޓީއަކުން ފިލްމު އެޅުވިޔަ ނުދޭން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މަލްޓިޕްލެކްސްތަކުގައި ފިލްމު އަޅުވައިފި ނަމަ އެތަންތަނަށް ގެއްލުންދީ ހަލާކުކޮށްލާނެ ކަަމަށް ބުނެ މިދިޔަ ހޯމަ ދުވަހު ވަނީ އިންޒާރު ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy