24 ޖޫން 2020 - 07:50
ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަން ލޮކްޑައުނަށް ފަހު އަލުން ގެނެސްދޭ އިރު، އެ ސިލްސިލާގެ ބަޖާޖްގެ ކެރެކްޓާ ކުޅެން ކަރަން ކުންދުރާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އެ ރޯލުން 35 އަހަރުގެ އެކްޓަރު ފެނުމާ ދޭތެރޭ އޮތް ޝައްކު ވަނީ ކުޑަވެފަ އެވެ. ކަރަން އަކީ މިހާރު ވެސް ޓީވީ ސިލްސިލާތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ޝޯތައް ހޯސްޓް ވެސް ކުރާ އެކްޓަރެވެ.
ނޫސްތަކުން ބުނި ގޮތުގައި ބަޖާޖްގެ ރޯލް އޭނާ އަށް ދިނުމުގެ ކުރިން އެ ރޯލަށް ކަރަން ޕަޓޭލް އާއި ހިތޭން ތޭޖްވާނީ އަދި ގޯރަވް ޗޯޕްޅާ ފަދަ ތަރިން ގެނައުމާ ބެހޭ ގޮތުން ވެސް ވާހަކަތަކެއް ދެކެވުނެވެ.
އެކްތާ ކަޕޫރް ގެނެސްދިން ކާމިޔާބު ސިލްސިލާ "ކަސޯޓީ" ގެ އާ ސީޒަނެއް މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ފެށީ 2018 ގަ އެވެ. އޭގައި ލީޑް ރޯލް ކުޅެނީ އެރިކާ ފެނަންޑޭޒާއި ޕާތު ސަމްތާނެވެ. އަދި މިހާތަނަށް އާ ސީޒަންގައި ބަޖާޖްގެ ރޯލް ކުޅުނީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އެވެ.
ނަމަވެސް ފަހުން އޭނާ ވަނީ ސިލްސިލާ ދޫކޮށްލުށް ފަހު، އަލުން އެޕިސޯޑްތަކެއް ކުޅެފަ އެވެ. އެކަމަކު އަލުން "ކަސޯޓީ" ގެނެސްދޭ އިރު، ކަރަންގެ ބަދަލުގައި ފެންނަނީ އެހެން ކަރަންއެކެވެ. ކަރަން ބަޖާޖްގެ ރޯލް ދޫކޮށްލުމުން އެ ރޯލަށް ވިވާން ބަޓޭނާ ގެންނަން އުޅުނު ވާހަކަތަކެއް ވެސް މިދިޔަ އަހަރު މީޑިއާތަކުގައި ދެކެވުނެވެ.
ކަރަން ވަނީ ކުރިން ވެސް އެކްތާގެ ސިލްސިލާތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ސޮނީން ގެނެސްދިން "ދިލް ހީ ތޯ ހޭ" އާއި އިިމޭޖިން ޓީވީން އެކްތާ ގެނެސްދިން "ކިތުނީ މުހައްބަތު ހޭ" ހިމެނެ އެވެ.
ކަރަން ކުޅުނު ފިލްމުތަކުގެ ތެރޭގައި "1921" އާއި "މުބާރަކަން" އަދި "ހޮރޯ ސްޓޯރީ" ހިމެނެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އެކްތާ ޕްރޮޑިއުސްކޮށް، އެކަމަކު އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް