ކޮރިއޮގްރާފަރު ސަރޯޖް ޚާން އެޑްމިޓްކޮށް ފަރުވާދެނީ

ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކުގެ ނެށުން ތައްޔާރުކޮށްދީފައިވާ ސަރޯޖް ޚާން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.


މީޑިއާތަކުން ބުނި ގޮތުގައި 71 އަހަރުގެ ސަރޯޖް މުމްބާއީގެ ގުރޫ ނަނަކް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މި ހަފުތާގެ ކުރީކޮޅު އެވެ. އޭނާގެ އާއިލާގެ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނީ ސަރޯޖް އެޑްމިޓްކުރީ ނޭވާލާން އުނދަގޫވާން ފެށުމުންނެވެ. އަދި އެޑްމިޓްކުރުމަށް ފަހު، ކޮވިޑް-19 އަށް ޓެސްޓް ވެސް ކޮށްފައިވެ އެވެ. އެކަމަކު ނަތީޖާ ނެގަޓިވް ކަމަށް ބުންޏެވެ.

ދެހާހެއްހާ ލަވައިގެ ނެށުން ތައްޔާރުކޮށްދީގެން ސަރޯޖަކީ ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު އެއް އަންހެން ކޮރިއޮގްރާފަރުންގެ ތެރެއިން އެކެކެވެ.

އޭނާ ނެށުންތައް ތައްޔާރުކޮށްދިން މަޝްހޫރު ލަވަތަކުގެ ތެރޭގައި ފިލްމު "ތޭޒާބް" ގެ "އޭކް ދޯ ތީން" އާއި "ދޭވްދާސް" ގެ "ޑޯލަރޭ" އާއި " "ޖަބް ވީ މެޓް" ގެ "ޔޭ އިޝްގް ހާޔޭ" އާއި "ތަނޭދާރު" ގެ "ތައްމާ ތައްމާ" އަދި "ބޭޓާ" ގެ "ދަކް ދަކް ކަރްނޭ ލަގާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ކަލަންކް" ގައި ހިމެނޭ "ތަބާ ހޯ ގަޔޭ" އަކީ ވެސް ސަރޯޖް ކޮރިއޯ ހެދި ލަވައެކެވެ. ބަތަލާ މަދޫރީ ޑިކްސިޓްގެ ވަރަށް ގިނަ ލަވަތަކުގެ ކޮރިއޯ ހަދާފައިވާ ސަރޯޖް ބުނާގޮތުން އޭނާގެ ކާމިޔާބީގައި މަދޫރީ އަކީ ވަރަށް ބޮޑު ހިއްސާއެކެވެ. އަދި މަދޫރީ އަކީ ސަރޯޖްގެ ބަޑިތައް އެންމެ ފަރިކޮށް ގެނެސްދޭ ބަތަލާގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

"ދަ މަދާ އޮފް ޑާންސް/ކޮރިއޮގްރަފީ އިން އިންޑިއާ" ގެ ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސަރޯޖަކީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދީފައިވާ ބައެއް ޑާންސް ޝޯތަކުގައި ޖަޖެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.

ތިން ކުދިން ތިބި ސަރޯޖް ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަނީ 1958 އިން ފެށިގެންނެވެ.