"ކޫލީ ނަމްބަރު 1" ގައި ކޮވިޑް-19ގެ ވާހަކައެއް ނޯންނާނެ: ޑައިރެކްޓަރު

ލޮކްޑައުންއާ ހެދި ސިނަމާތައް ބަންދުކޮށްފައިވާތީ ރިލީޒްނުކުރެވި އޮތް ފިލްމު "ކޫލީ ނަމްބަރު 1" ގައި އެއްވެސް ވަރަކަށް ކޮވިޑް-19 ގެ ވާހަކަ ނުހިމެނޭނެ ކަމަށާއި އެ ބަލި އާންމުންގެ ސަމާލުކަމަށް އައުމުގެ މާ ކުރިން ވެސް ފިލްމުގެ މަސައްކަތް އޮތީ ނިމިފައި ކަމަށް ޑައިރެކްޓަރު ޑޭވިޑް ދަވަން ބުނެފި އެވެ.


އޭނާ މިގޮތަށް ބުނެފައި ވަނީ ދާފި ފަހުން ފިލްމުގެ ބަތަލު އަދި ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަން "ކޫލީ ނަމްބަރު 1" ގެ ޕޯސްޓަރެއް ފޭސްމާސްކެއް އަޅައިގެން ނަގާފައިވާ ފޮޓޯއަކާ އެކު އާންމުކުރުމާ ގުޅިގެންނެވެ.

ޑޭވިޑް ބުނީ އޭނާގެ ފިލްމަކީ ކޮމެޑީއަކަށްވާތީ އެ ޖޯންރާގެ ފިލްމެއްގެ ތެރެއަށް ކޮވިޑް-19 ކަހަލަ ނުރައްކާތެރި ސީރިއަސް ބައްޔެއްގެ ވާހަކަ ގެނެސްދީގެން އެކަން ޖޯކަކަށް ވެސް ހަދަން ބޭނުންނުވާ ކަމަށެވެ.

"އެހެން ނޫނަސް އަހަރެމެންގެ ފިލްމު އޮތީ މާ ކުރިން ނިމިފައި. އެހެންވީމާ މީގެ ޕްލޮޓްގެ ތެރެއަށް ކޮރޯނާވައިރަހުގެ ވާހަކަ އަންނާނެ ގޮތެއް ވެސް ނެތް." ކާމިޔާބު އެތައް ކޮމެޑީއެއް މިހާތަނަށް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ކުރިން މިދިޔަ މަހުގެ 1 ގައި ރިލީޒްކުރަން އޮތް "ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ. އެކަމަކު އާ ފިލްމުގައި ބޮޑެތި ބަދަލުތަކެއް ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

މި ފަހަރު ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ. "ކޫލީ ނަމްބަރު 1" ވެގެންދާނީ ވަރުން އާއި ސާރާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ޑޭވިޑް ބުނީ އޭނާ މިހާރު އިންތިޒާރުކުރަމުން އަންނަނީ ސިނަމާތައް އަލުން ހުޅުވާނެ އިރަކަށެވެ.

"އަހަރެންގެ އޯޑިއަންސް އޮންނާނީ ސިނަމާގައި. އެހެންވީމަ ތިއޭޓަރުތަކުގައި ފިލްމު ރިލީޒްކުރަން ބޭނުން ވަނީ." އޭނާ ބުންޏެވެ.

ދާދި ފަހުން މީޑިއާތަކުން ބުނިގޮތުގައި އާމިރު ޚާންގެ "ލާލު ސިންގް ޗައްޑާ" އާއި އަލީ ފަޒަލާއި ރިޗާ ޗައްޑާގެ "ފުކްރޭ" ސީރީޒްގެ ތިން ވަނަ ފިލްމުގެ ވާހަކައިގެ ތެރެއަށް ކޮވިޑް-19 ގެ ވާހަކަ ގެންނަން އެ ފިލްމުތަކުގެ ޓީމުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ އަދި ކަށަވަރު ވާހަކަތަކެއް ނޫނެވެ.