މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގައި ނެޕޮޓިޒަމަށް ވުރެ ގްރޫޕިޒަމް ބޮޑު: އަދިޔަޔަން ސުމަން

އަދިދިޔަން ބުނި ގޮތުގައި ބަޔަކު އޭނާއާ ދެކޮޅަށް ކުރި މަސައްކަތުން 14 ފިލްމެއް ގެއްލުނު

އަދިޔަޔަން.

ބޮލީވުޑްގައި ނެޕޮޓިޒަމަށް ވުރެ ގްރޫޕިޒަމްގެ މައްސަލަ ބޮޑު ކަމަށް އެކްޓަރު އަދިޔަޔަން ސުމަން ބުނެފި އެވެ.

މިހާރު އެއްގޮތަކަށް ވެސް ފިލްމަކުން ނުފެންނަ އަދިޔަޔަން އަކީ ކުރީގެ އެކްޓަރު ޝޭކަރު ސުމަންގެ ދަރިއެކެވެ. އޭނާގެ ވާހަކަ މި ދޭތެރެ އިން އެންމެ ގަދައަށް މީޑިއާތަކުގައި ދެކެވުނީ ބަތަލާ ކަންގަނާ ރަނާވަތާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން އެ ދެ މީހުން އެކީގައި 2009 ގެ ފިލްމު "ރާޒް: ދަ މިސްޓްރީ ކޮންޓިއުޒް" ކުޅުނު ދުވަސްވަރު ލޯބީގެ ސީރިއަސް ގުޅުމެއް ބޭއްވި ނަމަވެސް މާ ގިނަ ދުވަހެއް އެ ގުޅުން ނިމުމަކަށް އައުމުން އަދިޔަމަން ވަނީ ކަންގަނާ އޭނާ އަށް "ސިހުރު" ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާގެ ކެރިއަރު ވެސް ހުއްޓުނީ ކަންގަނާގެ ފަރާތުން ދިމާވި ކަންކަމާ ހެދި ކަމަށް ބުނެފައިވެ އެވެ.

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވި ހާދިސާއާ ގުޅިގެން ބޮލީވުޑްގައި ނެޕޮޓިޒަމްގެ ބަހުސް ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި އަދިޔަޔަން، 32، ބުނީ އެއަށް ވުރެ ބޮލީވުޑްގައި ބޮޑީ އެންމެ ގްރޫޕިޒަމްގެ މައްސަލަ ކަމަށެވެ. އެގޮތުން ދާއިރާގެ ތެރޭގައި ގްރޫޕް ނުވަތަ ކޭމްޕް ހަދައިގެން އެއްބައެއްގެ ދުވަސް ދުއްވައިލަން އަނެއް ބަޔަކު މަސައްކަތްކުރާ ކަމަށް ބުންޏެވެ. އަދި މިފަދަ މައްސަލަތަކާ ހެދި، އޭނާ ސޮއިކުރި 14 ފިލްމެއްގެ ހުއްޓި، ފަހުން އެއްކޮށް ފުރުސަތުތައް ހުއްޓުނު ކަމަށް ބުންޏެވެ.

އަދިޔަޔަން ބުނި ގޮތުގައި ބޮލީވުޑްގެ ބައެއް މީހުން ވަނީ އޭނާއާ ދެކޮޅަށް ވަރަށް ގިނަ ކަންކަން ކޮށްފަ އެވެ. އެގޮތުން އޭނާގެ ފިލްމުތަކުގެ ބޮކްސް އޮފީސް ވިޔަފާރި ވެސް އޮޅުވައިލުން ފަދަ އެތައް ކަމެއް ހިނގާފައިވާ ކަމަށް ބުންޏެވެ. އަދި އޭނާ އަކީ ފްލޮޕް އެކްޓަރެއްގެ ގޮތުގައި ސިފަކޮށްދޭން ވަކި ބަޔަކު ވަރަށް މަސައްކަތްކުރި ކަމަށް ވެސް ބުންޏެވެ.

"އަހަރެން ނުބުނާނަން ނެޕޮޓިޒަމްގެ މައްސަލަ ވެސް ބޮލީވުޑްގައި ކުޑައެކޭ. އެކަމަކު އެއަށް ވުރެ ބޮޑީ ގްރޫޕިޒަމްގެ މައްސަލަ. އެކަމަކު އެކަމާ ބެހޭ ގޮތުން އެއްވެސް ބަޔަކު ވާހަކަ ދައްކާ އަޑެއް ނީވޭ،" 2008 ގައި ފިލްމު "ހާލޭ ދިލް" އިން އެކްޓިން އަށް ނުކުތް އަދިޔަޔަން ބުންޏެވެ. "ކޭމްޕް ހަދައިގެން ވަކި ބަޔަކަށް ފުރުސަތު ދީގެން މަސައްކަތްކުރާ އުސޫލު އިންޑަސްޓްރީ ތެރޭގައި ވަރަށް ބޮޑު. އޭގެ ސަބަބުން ހަގީގަތުގައި ހުނަރުވެރި ފަންނާނުންނަށް ފުރުސަތުތަކެއް ވެސް ނުލިބޭ."

އޭނާ ބުނި ގޮތުގައި ސުޝާންތު ކަހަލަ ހުނަރުވެރި އެކްޓަރަކު ގެއްލިގެން ދިއުމަކީ މިފަދަ މައްސަލަތައް އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ. އަދި އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ވެސް ބުންޏެވެ.

އަދިޔަޔަން އަށް މިހާރު ކުޅޭނެ ފިލްމެއް ނުލިބޭ އިރު، އޭނާ މިހާތަނަށް ކުޅުނީ އަށް ފިލްމެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ 2016 ގެ "ކްލިކް އިޝްގް" އެވެ.

އަދިޔަޔަން ބައްޕަ ޝޭކަރާ އެކު.

މި އަހަރުގެ ކުރީކޮޅު ބޮލީވުޑް ހަންގާމާގެ ޑިޖިޓަލް ޕްލެޓްފޯމް ހަންގާމާޕްލޭ އިން ގެނެސްދިން ވެބް ސީރީޒް "ޑެމެޖްޑް" ގެ ދެވަނަ ސީޒަނުން އަދިޔަޔަން ފެނިފައިވެ އެވެ. އޭގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ހީނާ ޚާން (އަކްޝަރާ) އެވެ.

އަދިޔަޔަންގެ ބައްޕަ ޝޭކަރް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ކެރިއަރާ މެދު ކަންބޮޑުވެ، ދަރިފުޅު ޑިޕްރެޝަނަށް ގޮސް ސުޝާންތު ނެގި ކަހަލަ ފިޔަވަޅެއް ނަގަން އުޅުނު ކަމަށް ބުނެފަ އެވެ. އެގޮތުން އަދިޔަޔަން އަމިއްލަ އަށް މަރުވާން އުޅުނުކަން އެނގުނު ފަހުން އާއިލާގެ މީހުން އަބަދު ވެސް އޭނާ އަށް ވަރަށް ފާރަވެރިވާ ކަމަށް ބުންޏެވެ.

ޝޭކަރަކީ ސުޝާންތުގެ މަރުގެ ހަގީގަތް ހޯދަން ތަހުގީގު ހިންގަން އެންމެ ގަދައަށް އަޑު އުފުލާއެކެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454