14 ޖުލައި 2020
ބެލުންތެރިންގެ މެދުގައި މަގުބޫލު ސިލްސިލާއެއް ކަމަށްވާ އެކްތާ ކަޕޫރްގެ "ނާގިން" ގެ ހަތަރު ވަނަ ސީޒަން ހުއްޓިފައި އޮތުމަށް ފަހު މި މަހުގެ 18 ގައި އަލުން ގެނެސްދޭން ނިންމައި، އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.
އިންޑިއާގެ ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައި ފިލްމީ މަސައްކަތްތައް އަލުން ފަށައި، ހޯމަ ދުވަހުގެ ރެއިން ފެށިގެން ގިނަ ޗެނަލްތަކުގެ ޝޯތަކުގެ އާ އެޕިސޯޑްތައް ވަނީ ގެނެސްދޭން ފަށައިފަ އެވެ.
ކަލާޒް އިން ގެނެސްދޭ "ނާގިން 4" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ ޝޯއެކެވެ.
ޝޯ އަލުން ގެނެސްދޭން ފަށާ އިރު، މިއީ ފިނާލޭ އެޕިސޯޑްތަކެވެ. އެހެންވެ ގާތްގަނޑަކަށް ހަތަރެއް ނުވަތަ ހައެއްކަ އެޕިސޯޑުން ހަތަރު ވަނަ ސީޒަން ނިންމައިލާނެ އެވެ. "ނާގިން 4" އަށް ނިންމާލައި ފަސް ވަނަ ސީޒަން ވަރަށް އަވަހަށް ގެނެސްދޭން ފަށާނެކަން އެކްތާ ވަނީ ކުރިން ވެސް ޔަގީންކޮށް ދީފަ އެވެ.
އެހެންވެ "ނާގިން" ގެ މި ސީޒަންވެގެން ދާނީ އެ ސިލްސިލާގެ އެންމެ ކުރު ސީޒަނަށެވެ. މިހާތަނަށް ސިލްސިލާގެ 30 އެޕިސޯޑް ގެނެސްދީފައިވެ އެވެ. "ނާގިން 4" ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ގަ އެވެ. ސިލްސިލާގެ މައިގަނޑު ކާސްޓުންނަކީ ނިއާ ޝަރުމާ އާއި ޖޭސްމިން ބާސިނާއި ވިޖަޔެންދުރަ ކުމޭރިއާ އާއި އަނީތާ ހަސަނަންދާނީގެ އިތުރުން ރަޝްމީ ދެސާއީ އެވެ.
"ނާގިން" އަކީ އެކްތާގެ ބާލާޖީ ޓެލެފިލްމްސް އިން 2015 ގައި ގެނެސްދޭން ފެށި ސުޕަނެޗްރަލް ސިލްސިލާއެކެވެ. މީގެ ފުރަތަމަ ސީޒަނުގައި 62 އެޕިސޯޑް، ދެވަނަ ސީޒަނުގައި 75 އެޕިސޯޑް އަދި ތިން ވަނަ ސީޒަނުގައި 103 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް