15 ޖުލައި 2020 - 08:15
ސޮނީ ޓީވީން ގެނެސްދޭ މަގުބޫލު ޝޯ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަނުގެ ތައްޔާރީތައްވާން ފަށައި، އޮޑިޝަނަށް ހުޅުވާލައިފި އެވެ.
މި ފަހަރު އޮޑިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 25 އިން ފެށިގެން އޮންލައިންކޮށެވެ. ޝޯގައި ބައިވެރިވާން ބޭނުންވާ މީހުން ސޮނީގެ ޑިޖިޓަލް އެޕް ސޮނީ ލިވް އެޕުން ރަޖިސްޓްރީކޮށް، އޮޑިޝަނުގައި ބައިވެރިވެވޭނެ އެވެ.
އިންޑިއަން އައިޑޮލްގެ 11 ވަނަ ސީޒަން ނިންމައިލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ސީޒަން ކާމިޔާބުކުރީ ސަނީ ހިންދުސްތާނީ އެވެ.
އިންޑިއަން އައިޑޮލް 12 އަށް ފުރުސަތު ހުޅުވައިލި އިރު، އާ ސީޒަން ވެސް ހޯސްޓްކުރާނީ 11 ވަނަ ސީޒަން ވެސް ހޯސްޓްކުރި ލަވަކިޔުންތެރިޔާ އަދިޔާ ނާރަޔަނެވެ. އޭނާ ބުނީ އަނެއްކާ ވެސް އަލުން ޝޯގައި ބައިވެރިވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް ވުރެ އާ ސީޒަން ފޯރިގަދަ ވާނެ ކަމަށެވެ.
އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަނުން ވެސް ކުރީގެ ދެ ޖަޖުން ކަމަށްވާ ނޭހާ ކައްކަރާއި ވިޝާލް ދަދުދާނީ ފެންނާނެ ކަމަށް ބެލެވުނަސް ތިން ވަނަ ޖަޖާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ސަބަބަކީ އެ ދެ މީހުންނާ އެކު ޖަޖިން ޕެނެލްގައި ބައިވެރިވަމުން ދިޔަ އައްނޫ މަލިކްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ހެދި ދެ ފަހަރެއްގެ މަތިން އޭނާ ޝޯ ދޫކޮށްލަން ޖެހުމެވެ.
އެގާރަ ވަނަ ސީޒަނުން އޭނާ ވަކިވާން ޖެހުމުން ފަހުން ތިން ވަނަ ޖަޖެއްގެ ގޮތުގައި ބައިވެރިވީ ހިމޭޝް ރޭޝަމިއާ އެވެ. އޭނާ އަކީ މިހާރު ޒީޓީވީން މި މަހުގެ 18 ގައި އަލުން ދައްކަން ފަށާ ސާރޭގާމާ ލިލް ޗެމްޕްސްގެ އަށް ވަނަ ސީޒަނުގެ އެއް ޖަޖެވެ.
ކޮރޯނާވައިރަހާ ހެދި މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ރިއަލިޓީ ޝޯތަކުގެ އޮޑިޝަން އޮންލައިންކޮށް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި ކަލާޒްގެ "ޑާންސް ދީވާނޭ" ގެ ތިން ވަނަ ސީޒަނުގެ އޮޑިޝަނާއި އެ ޗެނެލްގެ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy