މުނިފޫހިފިލުވުން

ނެޓްފްލިކްސްގައި ޕްރިމިއާކުރާނެ ހިންދީ ފިލްމުތަކެއް

ފިލްމީ ތަރިންތަކެއް.

އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމާ ފިލްމުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އާއި ނެޓްފްލިކްސް ފަދަ ޕްލެޓްފޯމްތަކުން މިހާރު ވެސް ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމައި، ބައެއް ފިލްމުތައް މިހާރު ވަނީ ޕްރިމިއާ ވެސް ކޮށްފަ އެވެ.

އިންޑިއާގައި މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް އިން މިއަދު އެ ޕްލެޓްފޯމުން ޑިޖިޓަލްކޮށް ރިލީޒްކުރާނެ ފިލްމުތައް އިއުލާންކުރާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. އޭގެ ތެރޭގައި ނުވަ ފިލްމެއް އެބަ އޮތެވެ. މި ފިލްމުތައް އިއުލާންކުރާ އިރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޒުވާން ބަތަލާ ޖާންވީ ކަޕޫރާ އެކު ގެނެސްދޭ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އަކީ ނެޓްފްލިކްސް އިން ގެނެސްދޭން އިއުލާންކޮށްފައި އޮތް ފިލްމެކެވެ. ބެލެވޭ ގޮތުން އެ ފިލްމުގެ އަންނަ މަހުގެ 15 ގައި ޕްރިމިއާކުރާނެ އެވެ.

މި ފަހަރު މި ބަލާލަނީ ނެޓްފްލިކްސް ޕްރިމިއާކުރާނެ ކަމަށް ބުނާ ނުވަ ފިލްމަށެވެ.

1. ޑޯލީ ކިޓީ އޯރް ވޯ ޗަމަތިކޭ ސިތާރޭ

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތިކޭ ސިތާރޭ" އަކީ ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ.

މިދިޔަ އަހަރު ބޭއްވި ބުސާން ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކުރި މި ފިލްމަކީ ހަމަ އެކްތާ ޕްރޮޑިއުސްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެއް ކަމަށްވާ 2016 ގެ "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ގެ ޑައިރެކްޓަރު އަލަންކްރުތާ ސްރިވަސްތާވް ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީއެކެވެ.

"ޑޯލީ ކިޓީ އޯރް ވޯ ޗަމަތިކޭ ސިތާރޭ" ގެ ތަރިންނަކީ ބޫމީ ޕެޑްނޭކަރާއި ކޮންކޮނާ ސެން ޝަރުމާ އާއި ކުބްރާ ސައިތާއި ކަރަން ކުންދުރާ އާއި ވިކްރާންތު މަސީގެ އިތުރުން މުސްތާގް ޝެއިހެވެ.

2. ތޯރްބާޒް

ސަންޖޭ ދަތާއި ނަރުގިސް ފަޚްރީ މުހިއްމު ރޯލްތައް ކުޅެފައިވާ "ތޯރްބާޒް" އަކީ ވެސް ރިލީޒްނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާ ފިލްމެކެވެ.

ގިރިޝް މާލިކް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާގެ ކާސްޓުންގެ ތެރޭގައި ރާހުލް ދޭވާއި ރާހުލް މިތުރާ އަދި ޕްރާންޝް ޗޯޕްޅާ ހިމެނެ އެވެ.

3. ގިނީ ވެޑްސް ސަނީ

"ގިނީ ވެޑްސް ސަނީ" އަކީ ޒުވާން ދެ ތަރިން ކަމަށްވާ ވިކްރާންތު މަސީ އާއި ޔާމީ ގޯތަމްގެ ޖޯޑު ފެނިގެންދާނެ ރޮމޭންޓިކް ކޮމެޑީއެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޕުނީތު ކަންނާ އެވެ.

4. އިންދޫ ކީ ޖަވާނީ

ކިއާރާ އަދުވާނީ ޓައިޓްލް ރޯލުން ފެނިގެންދާނެ "އިންދޫ ކީ ޖަވާނީ" އަކީ ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށް، އަބީރް ސެންގުޕްތާ ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ.

މި ފިލްމުން ކިއާރާއާ އެކު ބަތަލުގެ ރޯލުން ފެނިގެންދާނީ އަދިތިޔާ ސީލް އެވެ. މިއީ މި ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

5. ލޫޑޯ

"ލޫޑޯ" އަކީ "ބަރްފީ" އާއި "ލައިފް އިން އަ...މެޓްރޯ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމެކެވެ.

އެންތޮލޮޖީއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ މި ފިލްމަކީ އެކި ފަހަރު މަތިން ރިލީޒްކުރާ ތާރީހު ބަދަލުވަމުން ގޮސް މިހާރު ނެޓްފްލިކްސް އަށް އަންނާނެ ކަމަށް ބެލެވޭ އެންމެ އުންމީދީ އެއް ފިލްމެވެ. "ލޫޑޯ" ގެ ކާސްޓުންގެ ތެރޭގައި ރާޖްކުމާރު ރާއޯ އާއި ފާތިމާ ސަނާއި ޝެއިހާއި އަބީޝެކް ބައްޗަނާއި ސާނިއާ މަލްއުތުރާ އަދި އަދިތިޔާ ރޯއި ކަޕޫރް ހިމެނެ އެވެ.

6. ރާތު އަކޭލީ

"ރާތު އަކޭލީ" އަކީ ހަނީ ތުރެހާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ކާސްޓުންގެ ތެރޭގައި ރާދިކާ އަޕްޓޭ އާއި ނަވާޒުއްދީން ސިއްދީގީ އާއި ޝްވޭތާ ތުރިޕަތީ އާއި ޓިގްމަންޝީ ދޫލިއާ އާއި އިލާ އަރޫންގެ އިތުރުން ސުވަނަންތު ކިރްކިރޭ ހިމެނެ އެވެ.

7. ދަ ގާލް އޮން ދަ ޓްރެއިން

މި ފިލްމަކީ "ދަ ގާލް އޮން ދަ ޓްރެއިން" ގެ ނަމުގައި ރިލީޒްކުރި ހޮލީވުޑް ފިލްމުގެ ރިމެކެކެވެ.

ޕަރިނީތީ ޗޯޕްޅާ ބަތަލާގެ ރޯލް ކުޅެފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަދިތީ ރާއޯ ހައިދަރީ އާއި ކްރިތީ ކުލްހާރީގެ އިތުރުން އަވިނާޝް ތިވާރީ ހިމެނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރިބޫ ދާސްގުޕްތާ އެވެ.

8. ޕްރޮޖެކްޓް 10

ރަސްމީކޮށް އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ޖަވާނި ޖާނެމަން" އިން ތައާރަފުބި ބަަތަލާ އަލާޔާ ފަރްނީޗަރުވާލާއާ އެކު، ޑައިރެކްޓަރު އަނޫރާގް ކެޝަޕް ގެނެސްދޭ ފިލްމެކެވެ.

ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާ މި ފިލްމު އެއްކޮށް ޝޫޓްކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ކަމަށް މީޑިއާތަކުން ބުންޏެވެ.

9. އޭކޭ ވާސަސް އޭކޭ

"އޭކޭ ވާސަސް އޭކޭ" އަކީ ކުރިން ވެސް ނެޓްފްލިކްސް އިން ގެނެސްދޭ ގޮތަށް އިއުލާންކުރި ފިލްމެކެވެ. ވިކަރްމަދަތިޔާ މޮޓްވާނޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ އަނިލް ކަޕޫރާއި އަނޫރާކް ކެޝަޕެވެ. ފިލްމަށް ނަން ވެސް ދީފައި ވަނީ އެ ދެ މީހުންގެ ނަމުގެ ފެށޭ އަކުރުތަކުންނެވެ.

އަނިލްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރް ވެސް ހާއްސަ ފެނިލުމަކުން ފެންނާނެ "އޭކޭ ވާސަސް އޭކޭ" ގައި ދައްކުވައިދޭނީ ޑައިރެކްޓަރަކު ފިލްމީ ތަރިއެއްގެ ދަރިއަކު ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެކެވެ.

މީޑިއާތަކުން ބުނިގޮތުގައި މި ފިލްމުތައް ނެޓްފްލިކްސް ޕްރިމިއާކުރަން މިއަދު އިއުލާންކޮށް، އެކި ދުވަސް މަތިން ފިލްމުތައް ގެނެސްދޭނެ ތާރީހުތައް ވެސް އިއުލާންކުރަމުން ގެންދާނެ އެވެ.

ޑިޖިޓަލްކޮށް ދެން އެންމެ އަވަހަށް ޕްރިމިއާކުރާނެ ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މި މަހުގެ 24 ގައި ގެނެސްދޭ މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ "ދިލް ބޭޗާރާ" އެވެ. އަދި މި މަހުގެ 31 ގައި ހަމަ އެ ޕްލެޓްފޯމުން ކުނާލް ކޭމޫގެ "ލޫޓްކޭސް" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން މި މަހުގެ 31 ގައި ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" ޕްރިމިއާކުރާނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454