މުނިފޫހިފިލުވުން / ހޮލީވުޑް

ކްރިސްޓޮފާ ނޯލަންގެ "ޓެނެޓް" މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

"ޓެނެޓް" ގެ ޕޯސްޓަރެއް.

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ޓެނެޓް" ރިލިޒްކުރުން މުއްދަތެއް ނެތް ގޮތަށް ވޯނާ ބްރަދާޒް އިން ފަސްކޮށްފި އެވެ.

މީޑިއާތަކުން ބުނީ މި ސަބަބާ ހުރެ ފިލްމު މި އަހަރު ފެނުމާ ދޭތެރޭ ވެސް ބޮޑެތި ސުވާލުތަކެއް އެބަހުރި ކަމަށެވެ. "ޓެނެޓް" ރިލީޒްކުރަން އެންމެ ފަހުން ނިންމި ތާރީހަކީ މި އަންނަ މަހުގެ 12 އެވެ. އޭގެ ކުރިން އެ ފިލްމު މި މަހުގެ 17 އަދި އޭގެ ފަހުން 31 ގައި ރިލީޒްކުރަން ވެސް ތާވަލުކުރި އެވެ.

ނަމަވެސް ތާރީހުތަކަށް ބަދަލު އައިސް އެންމެ ފަހުން މި އަހަރު ފިލްމު އަޅުވައިފާނެކަމާ ދޭތެރޭ ސުވާލު އުފެދުނީ ކޮވިޑް-19 އާ ހެދި އެވެ. މިކަމާ ބެހޭ ގޮތުން ވޯނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މި އަހަރުގެ ވަރަށް ގިނަ ފިލްމުތަކެއްގެ ތާރީހުތަކަށް ބަދަލު ގެންނަން ޖެހިފައިވެ އެވެ. އަދި މިކަމާ ހުރެ ބައެއް ފިލްމުތައް ވަނީ ޑިޖިޓަލްކޮށް ޕްރިމިއާ ވެސް ކޮށް، ބައެއް ފިލްމުތައް އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ގާތްގަނޑަކަށް 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ޖާސޫސީ ފިލްމު "ޓެނެޓް" ރިލީޒްކުރަން ބޭނުން ވަނީ ސިނަމާތަކުގަ އެވެ. އެގޮތުން ރަނގަޅު ދަނޑިވަޅެއް ލިބޭތޯ އަދިވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވޯނާ އިން ލަފާކޮށްފައި އޮތީ ސިނަމާތަކުގައި ފިލްމު އަޅުވައިގެން އެންމެ މަދުވެގެން ވެސް 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އެވަރުގެ އާމްދަނީއެއް ބޮކްސް އޮފީހުން ލިބިގެން ނޫނީ "ޓެނެޓް" ގެ ހަރަދު ވެސް ފޫނުބެއްދޭނެ އެވެ.

ނަމަވެސް އަނެއް ސުވާލަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފިލްމު ސިނަމާތަކުގައި އަޅުވައިގެން އެވަރުގެ އާމްދަނީއެއް ލިބިދާނެތޯ އެވެ؟ ސިނަމާތައް އަލުން ހުޅުވާ އިރު، އާ އުސޫލްތަކުގެ ދަށުން ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ގައިދުރުކަން ބެހެއްޓުމަށް ސިނަމާތަކުގެ ޝޯތަކަށް ވައްދާ މީހުންގެ އަދަދު ދަށްކުރުމެވެ.

ބައެއް ނޫސްތަކުން ބުނާގޮތުން "ޓެނެޓް" ޑިޖިޓަލްކޮށް ޕްރިމިއާކުރަން ހުށަހެޅުންތަކެއް ލިބެމުން ދިޔަ ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ނޯލަން ގެނެސްދޭން ބޭނުން ވަނީ ސީދާ ސިނަމާތަކުގަ އެވެ. އެހެންވެ ޑިޖިޓަލްކޮށް ފިލްމު ގެނެސްދިނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އަނެއް ކަމަކީ ޑިޖިޓަލް ރައިޓްސް ވިއްކާލައިގެން ފިލްމުގެ ޓީމުން ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބޭނެކަން ކަށަވަރުނުވުމެވެ.

ކޮންމެއަކަސް "ޓެނެޓް" އަޅުވާނެ ތާރީހެއް ދެން ނޭނގުމަކީ މި ފިލްމަށް އިންތިޒާރުކޮށްގެން ތިބި މީހުންނަށް ލިބޭނެ ވަރަށް މާޔޫސީއަކަށްވާނެ އެވެ.

މި ފިލްމުގެ މައިގަނޑު ރޯލްތަކުން ފެނިގެންދާނީ ރޮބަޓް ޕެޓިންސަނާއި ޖޯން ޑޭވިޑް ވޮޝިންޓަނާއި އެލިޒަބަތު ޑެބީކީ އާއި އާރޯން-ޓޭލާ ޖޯންސަނާއި މައިކަލް ކެއިން، ކެނެތު ބްރަނާ އާއި ޑެންޒެލް ސުމިތާއި މާޓިން ޑޮނޯވެން އަދި ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ. ގިނަ ބަޔަކު "ޓެނެޓް" އާ މެދު ކުރާ އެއް އުންމީދަކީ ނޯލަން 2010 ގައި ގެނެސްދިން "އިންސެޕްޝަން" ކަހަލަ އާދަޔާހިލާފު ފިލްމަކަށް މި ފިލްމުވާނެ ކަމެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454