ކަންގަނާ ރަނާވަތާ ދެކޮޅަށް ވާހަކަ ދައްކަނީ ހަސަދަވެރިން: ޝަތުރުގަން ސިންހާ

ކަންގަނާ ރަނާވަތަކީ އަބަދު ވެސް ކަންކަން އޮންނަ ގޮތަށް ފާޅުގައި ވާހަކަ ދައްކަން ކެރޭ މީހެއް ކަމަށާއި އޭނާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ހަސަދަވެރިވާ މީހުން ކަމަށް ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ބުނެފި އެވެ.


މިދިޔަ މަހު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް ފުރާނަ ދުއްވައިލުމާ ގުޅިގެން އެކަމުގެ ޒިންމާ ބޮލީވުޑުން ނަގަން ޖެހޭނެ ކަމަށް ބުނެ އެންމެ ގަދައަށް ވާހަކަ ދައްކާ އެކަކީ ކަންގަނާއާ އެވެ. މިކަމާ ގުޅިގެން އޭނާ އަށް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ދަނީ ރުޅި ބާލަމުންނެވެ.

ރިޕަބްލިކަން ޓީވީ އަށް ދިން އިންޓަވިއުއެއްގައި، ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ސަތަރޭ ބުނީ ބޮލީވުޑް ކަހަލަ އިންޑަސްޓްރީއެއްގައި ކަންކަން އަސްލު ހިނގާ ގޮތުގެ ވާހަކަ ދައްކަން ކެރޭނީ ވަރަށް ހިތްވަރު ގަދަ ކެރޭ މީހަކަށް ކަމަށެވެ. އެގޮތުން ބަލާއިރު ކަންގަނާ އަކީ އަބަދު ވެސް ވަރަށް ފާޅުގައި ހިޔާލުފާޅުކުރާ ބަތަލާއެއް ކަމަށާއި އެއިން ދައްކުވައި ދެނީ އޭނާގެ ތެދުވެރިކަން ކަމަށް ސަތަރޭ ބުންޏެވެ.

ކަންގަނާ އަށް ތައުރީފުކުރަމުން ސަތަރޭ ބުނީ ކަންގަނާ ހޯދި ވަރުގެ ކާމިޔާބީއެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހާއްސަކޮށް ބޮލީވުޑާ އެއްވެސް ގޮތަކުން ގުޅުމެއް ނެތް މީހަކަށެވެ.

"އެކަމަކު ކަންގަނާ ވަނީ އޭނާގެ އަމިއްލަ ހުނަރާއި ބުރަ މަސައްކަތާއި ހިތްވަރުން ކާމިޔާބު ހޯދާފައި. އެއީ ވަރަށް ބުއްދި ވެސް ހުރެގެން ހާސިލުކުރެވޭނެ ކަމެއް،" ސަތަރޭ ބުންޏެވެ. "ކަންގަނާ ކާމިޔާބު މީހަކަށްވުމުގައި ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހެއްގެ ނުފޫޒެއް ނެތް. އޭނާ އަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަދި ލިބިފައި ހުނަރުގެ ސަބަބުން ކުރިއަރައިގެން ގޮސް ކާމިޔާބު މީހަކަށްވި ބަތަލާއެއް. ކަންގަނާއާ ދެކޮޅަށް ވާހަކަ ދައްކަނީ އެކަންކަމާ މެދު ހަސަދަވެރި މީހުން."

ސަތަރޭ ބުނިގޮތުގައި ފިލްމު އިންޑަސްޓްރީ މިހާރު ބައްޓަންވެފައި އޮތީ ވެސް ބައިބައިވުމާއި ކޯޅުންތަކަށް މަގުފަހިވާ ގޮތަކަށެވެ. އެގޮތުން ކޭމްޕާއި ގްރޫޕިޒަމާއި ފެވަރިޓިޒަމް ފަދަ ކަންކަމަކީ ވަރަށް ބޮޑަށް ބޮލީވުޑްގައި އަށަގެންފައިވާ ކަންކަން ކަމަށް ބުންޏެވެ. އަދި މިފަދަ ކަންކަމަށް އެހާ ބޮޑަށް ފުރުސަތު ހުޅުވުމުގެ އެއް ސަބަބަކަށް މީޑިއާ އާއި ސޯޝަލް މީޑިއާގެ ނުފޫޒު ވެސް ބޮޑުވުން ހިމެނޭ ކަމަށް ބުންޏެވެ.

"އަހަރެމެންގެ ޒަމާނަކު އެ ކިޔާ ކޮފީ ވިތު އަރުޖުންއެއް ވެސް ނެތް،" ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" އަށް އިޝާރާތްކޮށް ސަތަރޭ ބުންޏެވެ. "އަސްލު މިކަހަލަ ކަންކަމާ ހެދި ބައިބައިވުން އުފެދި އެއްބައިވަންތަކަން މިހާރު ގެއްލިގެން އުޅެނީ."

އޭނާ ބުނިގޮތުގައި ބައިބައިވުން އުފެދޭ ގޮތަށް އަދި އެކަކު އަނެކަކު ދަށްކޮށްލަން މަސައްކަތްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

"މިހާރު މި ވާ ގޮތަކީ މީހެކާ ދޭތެރޭ ހިތްހަމަނުޖެހޭ އިރަށް ދެން ގޮވަން ފެށީ އޭނާ ބޮއިކޮޓްކުރަންވީ އޭ ކިޔާފައި. ހިނގާށޭ އޭނަ މި އިންޑަސްޓްރީން ބޭރުކޮށްލަން،" ސަތަރޭ ބުންޏެވެ. "އެކަމަކު އެހެން ބުނުމުގެ ހައްގެއް ވެސް އެއްވެސް މީހަކަށް އޮވެގެން ނުވާނެ. މި އިންޑަސްޓްރީ އަކީ ވަކި ބައެއްގެ އެއްޗެއް ނޫން. މިއީ ހުނަރުވެރި ކޮންމެ މީހަކަށް ވެސް ހުޅުވިފައި އޮތް އިންޑަސްޓްރީއަކަށްވާން ޖެހޭ."