"ނާގިން 5" ގެ ބަތަލަކީ ދީރަޖް ދޫޕަރް

ކަލާޒް ޗެނެލުން ގެނެސްދޭ އެކްތާ ކަޕޫރްގެ މަގުބޫލު ސިލްސިލާ "ނާގިން 5" ގެ ބަތަލަކީ ދީރަޖް ދޫޕަރްކަން ކަށަވަރުވެއްޖެ އެވެ.


އެކްތާ ޒީޓީވީން ގެނެސްދޭ ސިލްސިލާ "ކުންދަލީ ބަގިއާ" ގެ ބަތަލު "ނާގިން" ގެ ފަސް ވަނަ ސީޒަނަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން ބުނީ ސިލްސިލާ އިން ފުރުސަތު ލިބުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި އޭގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައި ހުރި ކަމަށް ބުންޏެވެ.

ދީރަޖް ސިލްސިލާގެ ބަތަލުގެ ރޯލަށް ނަގާފައި މި ވަނީ އެ ރޯލް ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި އެކި ކަހަލަ ވާހަކަތައް ދެކެމުންދާތާ ދުވަސްތަކެއްވެފައި ވަނިކޮށެވެ.

ދީރަޖް ބުނީ "ނާގިން" ސިލްސިލާ ފެށި ފަހުން އެއީ އޭނާ އަބަދު ވެސް ވަރަށް ޝައުގުވެރިކަމާ އެކު ބަލަމުން އަންނަ އެއްޗެއް ކަމަށާއި އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ ސިލްސިލާ އިން ފުރުސަތެއް ލިބުމަކީ އުންމީދުކުރަމުން ދިޔަ ކަމަށެވެ.

"އަހަރެން މިހާރު މި ހުރީ ވަރަށް އުފަލުން. އަދި މިއީ އަހަންނަށް މުޅިން އާ ތަޖުރިބާއަކަށްވާނެ. އަދި މިއީ ކުރިން ނުކުޅޭ ކަހަލަ ކެރެކްޓާއެއް ވެސް ކުޅެން ލިބޭ ފުރުސަތެއް. ފުރުސަތު ދިން ކަމަށްޓަކައި އެކްތާ އާއި ކަލާޒް އަށް ޝުކުރު އަދާކުރަން،" ދީރަޖް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސައްކަތްކުރާނީ ވަރަށް ފުރިހަމަ އަށް އޭނާގެ ރޯލަށް އިންސާފުކޮށްދެވޭތޯ އެވެ.

"ނާގިންގެ ބަތަލުގެ ރޯލަކީ ޓީވީގެ ކޮންމެ އެކްޓަރަކު ވެސް ކުޅެން ލިބުމަށް އުންމީދުކުރާ އަދި ހުވަފެނެއް ކަހަލަ ރޯލެއް. އެހެންވީމާ މި ފުރުސަތުގެ ބޭނުން އަހަރެން ވަރަށް ރަނގަޅަށް ހިފާނަން." ދީރަޖް ބުންޏެވެ.

ކަލާޒުން މިހާރު ދައްކަމުން އަންނަނީ "ނާގިން" ގެ ހަތަރު ވަނަ ސީޒަންގެ ފިނާލޭ އެޕިސޯޑްތަކެވެ. މާނަ އަކީ ވަރަށް އަވަހަށް އެ ސީޒަން ނިމުމަކަށް ގެނެސް، ފަސް ވަނަ ސީޒަން އިއުލާންކުރާނެ އެވެ. އެކަން އެކްތާ ވެސް ދާދި ފަހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ "ނާގިން 5" ގެ ޕްރޮމޯ ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށާއި އޭގެ ޝޫޓިން އޮތީ ކުރިއަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފަސް ވަނަ ސީޒަންގެ ބަތަލާއިންގެ ރޯލުން ހީނާ ޚާން ވެސް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހީނާ އަކީ ސްޓާ ޕްލަސް އިން ގެނެސްދޭ އެކްތާ "ކަސޯޓީ" ގައި ކުރިން ކޮމަލިކާގެ ރޯލް ކުޅުނު ބަތަލާ އެވެ.

"ނާގިން 5" ގެ ބަތަލާއިންގެ ރޯލް ކުޅޭނެ ތަރިންނާ ބެހޭ ގޮތުން ވެސް މީޑިއާތަކުގައި ކުރެވޭ ބަހުސްތައް ބޮޑެވެ.