އަޔޫޝްމަން ކްރާނާ އަށް އެތުލީޓެއްގެ ރޯލް

އަބަދުވެސް ތަފާތު ކޮންޓެންޓްތަކުގެ ފިލްމުތައް ކުޅޭ ބޮލީވުޑްގެެ ޒުވާން އެކްޓަރު އަޔޫޝްމަން ކްރާނާ ފިލްމެއްގައި އެތުލީޓެއްގެ ރޯލް ކުޅެން ތައްޔާރުވެއްޖެ އެވެ.


މިދިޔަ މަހު ރިލީޒްކުރި "ގުލާބޯ ސިތާބޯ" އާއި މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ޝުބް މަންގަލް ޒާދާ ސާވްދާން" ގެ ބަތަލު މި ފަހަރު ސޮއިކުރި ފިލްމަކީ އަބީޝެކް ކަޕޫރް ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި ސާރާ އަލީ ޚާނާ އެކު 2018 ގައި ގެނެސްދިން "ކޭދަރުނާތު" އެވެ.

އަޔޫޝްމަނާ އެކު އަބީޝެކް ހަދާ ފިލްމުގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، މީގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނާއި ރިލީޒްކުރާ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ.

އަޔޫޝްމަން ބުނީ މުޅިން އަލަށް އަބީޝެކާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ފިލްމުގެ ވާހަކައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއީ އެތުލީޓެއްގެ ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ވެސް ފެނިގެންދާނެ ފިލްމެއް ކަމަށް 2018 ގެ "އަންދާދުން" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދި އެކްޓަރު ބުންޏެވެ.

އަބީޝެކް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ރޮކް އޯން" އާއި "ކައި ޕޯޗޭ" އަދި "ފިތޫރް" ހިމެނެ އެވެ.