އަމީތާބް ބައްޗަން ކޮވިޑް-19 އިން ރަނގަޅުވެއްޖެ

އަމީތާބާ އެކު އެޑްމިޓްކުރި އަބީޝެކަށް އަދިވެސް އަންނަނީ ފަރުވާދެމުން.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ބަލިން ރަނގަޅުވެ، މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.


އަމީތާބް، 77، ބައްޔަށް ޕޮޒިޓިވްވެގެން މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އޭނާއާ އެކު ދަރިފުޅު އަބީޝެކް ބައްޗަން ވެސް ހަމަ އެ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އޭނާ އަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ބަލިން ރަނގަޅު، ގެއަށް ދޫކޮށްލުމާ އެކު އަމީތާބް މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ މި ވަގުތު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި ފަރުވާދިން ހޮސްޕިޓަލްގެ މުވައްޒަފުންނާއި ހެޔޮދުއާކޮށް ދިން އެންމެންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އެޑްމިޓްކުރިތާ 23 ދުވަސް ފަހުން އަމީތާބް ހޮސްޕިޓަލުން ދޫކޮށްލި އިރު، ކޮވިޑް-19 އަށް ޕޮޒިޓިވް އޭނާގެ ޅީ ދަރިފުޅު އަދި ބަތަލާ އައިޝްވާރިއާ ރާއީ އާއި ކާފަ ދަރިފުޅު އަރާދިއާ ބައްޗަށް ބަލިން ފަސޭހަވެގެން ނަނަވާތީ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދެމައިން ބައްޔަށް ޕޮޒިޓްވްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ބައްޗަން އާއިލާވެގެން ދިޔައީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރަށެވެ. މިކަމާ ގުޅިގެން އެ މީހުން ދިރިއުޅެމުން އަންނަ ގެ ޖަލްސާ ހުރި ސަރަހައްދު ކޮންޓައިމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވަނީ ޖަލްސާ އަށް އެޅި ފިޔަވަޅުތައް ނަގައިފަ އެވެ.