ސޫރަޖް.
12 އޯގަސްޓް 2020 - 08:06
ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި އޭނާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ޑިޝާ ސަލިއާން މަރުވި މައްސަލާގައި ބައެއް މީހުން ސޯޝަލް މީޑިއާގައި އެކްޓަރު ސޫރަޖް ޕަންޗޯލީގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ބަލައިދޭން މުމްބާއީގެ ވާސޯވާ ފުލުހުންނަށް ސޫރަޖް ހުށަހަޅައިފި އެވެ.
ސަލްމާން ޚާން 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފުވި ސޫރަޖަކީ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަދިތިޔާ ޕަންޗޯލީ އާއި ޒަރީނާ ވައްހާބް ދަރިއެކެވެ.
ސުޝާންތާއި ޑިޝާގެ މަރާ ގުޅިގެން ބައެއް މީހުން ސޫރަޖަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ އިރު އޭނާ އަކީ 2013 ގައި ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ޚާންގެ މަރުގެ މައްސަލާގައި ވެސް ތުހުމަތު ކުރެވި، ކޯޓާ ހަމައަށް ދާން ޖެހުނު މީހެކެވެ. ޖިއާގެ މަންމަ ތުހުމަތުކުރާ ގޮތުގައި އޭނާ މަރުވީ ސޫރަޖާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށެވެ. އަދި ޖިއާ މަރުވި އިރު، އޭނާ އިނީ ބަލިވެ ކަމަށާއި އެކަމުގެ ޒިންމާ ވެސް ސޫރަޖްގެ ބޮލުގައި އަޅުވާފައިވެ އެވެ.
ޖިއާގެ މަރާ ގުޅިގެން ސޫރަޖަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެތައް ތަހުގީގެއް ހިންގާފައިވާ އިރު، ކުށް ސާބިތުކުރެވޭ ވަރަކަށް ހެކި ލިބިފައެއް ނުވެ އެވެ. ޖިއާގެ މަރުގެ ތުހުމަތު ސޫރަޖްގެ ބޮލުގައި އެޅިފައިވާތީ އޭނާގެ ކެރިއަރަށް ވެސް އެކަމުގެ ހިޔަނި އޮތީ އެޅިފަ އެވެ. އޭގެ އެއް ހެއްކަކީ މިހާތަނަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ވެސް ލިބެމުން ނުދިއުމެވެ.
ސުޝާންތާއި ޑިޝާގެ މަރާ ގުޅުވައިގެން ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ސޫރަޖް ބުނެފައި ވަނީ ސުޝާންތަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށާއި އެ މަރާއި އޭނާއާ ގުޅުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ޑިޝާ އަކީ ކުރިން ދަންނަ މީހެއް ވެސް ނޫން ކަމަށާއި އޭނާގެ ވާހަކަ ފުރަތަމަ އަޑު އެހީ ވެސް މަރުވި ފަހުން ކަމަށް ބުނެފައިވެ އެވެ.
ސޫރަޖް ބުނީ ސުޝާންތާއި ޑިޝާގެ މަރާ އެކު ބައެއް މީޑިއާތަކާއި އެކިއެކި ސޯޝަލް މީޑިއާތަކުގައި އޭނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅުވައިގެން އޭނާ އަށް އެކި ކަހަލަ އިންޒާރު ވެސް ދެމުންދާ ކަމަށް ބުންޏެވެ.
ސޫރަޖް، 29، އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ސެޓެލައިޓް ޝަންކަރް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ހަވާ ސިންގް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy