ޖިއާ މަރުވީ އަމިއްލައަށް ކަމަށް އިންޑިއާ ފޮރެންސިކް އެކްސްޕާޓުން ބުނެފައިވޭ
22 ސެޕްޓެމްބަރ 2016 - 06:18
ބޮލީވުޑް އެކްޓްރެސް ޖިއާ ޚާން ދަންޖެހިފައި ވަނީ އަމިއްލައަށް ނޫން ކަމަށާއި އެއީ އެހެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް އޭނާގެ މޫނާއި ކަރުގައިވާ ނިޝާންތަކުން ހެކިދޭ ކަމަށް އިނގިރޭސި ވިލާތުގެ ފޮރެންސިކް އެކްސްޕާޓަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ޖިއާގެ މަރަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު މި ރިޕޯޓާ އެކު މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަ ވަރަށް ބޮޑަށް އެނބުރިގެންދާނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސި ވިލާތުގެ މިރާ ނޫހުގައި ޝާއިއުކޮށްފައިވާ ފޮރެންސިކް އެކްސްޕާޓް ޖޭސަން ޕޭން-ޖޭމްސްގެ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ކަންތައްތަކާއި އިންޑިއާގެ ފޮރެންސިކް އެކްސްޕާޓުން ޖިއާ ޚާންގެ މަރާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާ ކަންތައްތައް ވަރަށް ބޮޑަށް ފުށުއަރަ އެވެ.
ޖިއާގެ މަންމަ ރާބިއާ ޚާން ބުނި ގޮތުގައި އިނގިރޭސި ވިލާތުގެ ފޮރެންސިކް ހެލްތު ކެއާ ސާވިސް ކުންފުންޏެއް ކަމަށްވާ ޕޭން-ޖޭމްސްގެ ރިޕޯޓު ސިޓީ ސެޝަން ކޯޓަށް ބުދަ ދުވަހު އޭނާ ހުށަހަޅާނެ އެވެ. ނަމަވެސް މި ފޮރެންސިކް އެޖެންސީއަކީ އިންޑިއާގެ ސްޓޭޓް ސަރުކާރުން ގެނައި ބަޔަކަށް ނުވެފައި އޭނާ ގެނައީ ރާބިއާ ޚާން އަށް ވާތީ އޭނާގެ ރިޕޯޓު ކޯޓުން ގަބޫލު ކޮށްފާނެކަން ނުވަތަ ނުކުރާނެކަން އަދި ޔަގީނެއް ނޫނެވެ.
މި މައްސަލައަށް މުޅީން އާ ކުރިއެރުންތަކެއް ލިބިފައި ވަނީ ޖިއާ ޚާން މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިންޑިއާގެ ސީބީއައި އިން ބޮމްބޭ ހައި ކޯޓުގައި ބުނިތާ މަހެއްހާ ދުވަސް ފަހުންނެވެ.
ޖިއާ އަދި ޖިއާ މަރުގެ މައްސަލައިގައި ސޫރަޖް ހައްޔަރުކޮށްގެން ގެންދަނީ
ޖިއާ، 25، މަރުވިއިރު އޭނާ ރައްޓެހިވެގެން އުޅުނީ، މިދިޔަ އަހަރު ނުކުތް "ހީރޯ" އިން ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާއާ އެކު ފިލްމީ ދުނިޔެއަށް ތައާރަފްވި ސޫރަޖް ޕަންޗޯލީއާ އެވެ.
ޖިއާ ހުރީ އޭނާ ނިދާ ކޮޓަރީގެ ފަންކާގައި ދަންޖެހިފައި ނަމަވެސް އޭނާގެ މަންމަ ރާބިއާ ތަކުރާރުކޮށް ބުނަމުންދަނީ އޭނާގެ ދަރިފުޅަކީ އަމިއްލައަށް މަރުނުވާނެ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް ހައި ކޯޓުގައި ރާބިއާ އެދުނެވެ. އެއާއެކު ހައިކޯޓުން ސީބީއައި އަށް މައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ނަމަވެސް ސީބީއައިގެ ތަހުގީގާ ހިތްހަމަނުޖެހިގެން ޖިއާގެ މަންމަ ޔޫކޭގެ ފޮރެންސިކް ޓީމަކަށް މި މައްސަލަ ބަލަދިނުމަށް ހުށަހެޅީ އެވެ. މިތަނުގެ ފަރާތުން މި މައްސަލަ ބެލުމަށް ޖިއާގެ މެޑިކަލް އަދި ޕޯސްޓް-މޯޓަމް ރިޕޯޓްތައް ތަހުގީގުކޮށްފައިވެ އެވެ. އަދި ޖިއާ މަރުވެފައި އޮއްވައި ނަގާފައި ހުރި ފޮޓޯތައް އެނަލައިޒްކުރި އެވެ. އަދި މިކަމާ ގުޅުންހުރި ސީސީޓީވީ ފުޓޭޖްތަކާއި މިއާގެ ކޮޓަރީގެ ފޮޓޯތައް މި އިންވެސްޓިގޭޝަނަށް ބޭނުންކޮށްފައިވެ އެވެ.
ފޮރެންސިކް ޓީމުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖިއާގެ އަނގަމަތީގައި ހުރި ނިޝާނާއި ކަރުގެ ނިޝާންތައް އޭނާ އަމިއްލައަށް މަރުވި ނަމަ ހުންނާނީ އެގޮތަކަށް ނޫންކަމަށް ބުނެފައިވެ އެވެ. އަދި އިންޑިއާގެ ފޮރެންސިކް އެކްސްޕާޓުން އަމިއްލައަށް މަރުވުން ނޫން އެހެން ތިއަރީއެއް އޮވެދާނެކަމަށް ބަލައި އެގޮތަށް ތަހުގީގުކޮށްފައި ނުވާތީ އެކަމަށް ވެސް މި ފޮރެންސިކް ޓީމުން ވަނީ ސުވާލު އުފައްދާފަ އެވެ.
މި ރިޕޯޓު ބުނާ ގޮތުން ޖިއާ މަރާލުމަށް ފަހު އަމިއްލައަށް މަރުވީ ކަމަށް ދައްކަން ވަނީ މަސައްކަތްކޮށްފަ އެވެ.
ޖިއާގެ މަރުގެ މައްސަލައިގައި މި ހޯދުނު އާ ހޯދުންތަކުގެ ސަބަބުން އެންމެ ބޮޑަށް ކަންބޮޑުވެފައިވަނީ ސޫރަޖްގެ މަންމަ ޒަރީނާ ވައްހާބެވެ. އޭނާ ބުނި ގޮތުގައި ސޫރަޖް ޖިއާ މަރާލީކަމަށް ދައްކަން ރާބިއާ ޚާން އުޅޭ ގޮތެއް އޭނާއަކަށް ނުވިސްނެ އެވެ. އަދި އޭނާގެ ދަރިފުޅަކީ ކުށެއް ނެތް މައުސޫމް މީހެއް ކަމަށް ޒަރީނާ ބުނެފައިވެ އެވެ.
ޖިއާ މަރުވެފައި ހުއްޓާ ފެނުމާ ގުޅިގެން ވެސް ސޫރަޖް ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށްފަައިވެ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ސޫރަޖް ބުނަނީ އޭނާއަށް ވެސް ކޯޓުގައި އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެ ކަމަށެވެ. އަދި ޖިއާގެ މަރުގައި އެއްވެސް ދައުރެއް ނޯންނާނެކަމަށް ސޫރަޖް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި މީހާ
22 September 2016
މޯޑިސް ޕޮލިޝް ސަރވިސް އިން އިންވެސްޓިގޭޓު ކުރިނަމަ ތިކަން ކޮޅެއްގަ ޖެހުނީސް. ތިކަހަ ކަންތަ ބެލޭނީ ފުއްޓަރަށް ގޮސް ގާފުރޮޅާގެން.
އަލްޖިބްރާ
22 September 2016
އިންޑިއަން ޕޮލިސްއަކީ ފައިސާއަށްވެސް ނުލާހިކު އަވަހަށް " ބޭނޭ " ބައެއް !
ބިސްތޮށި
22 September 2016
މަދަރ ނޯސް ދަ ބެސްޓް
ޖީޔާ ހާން
22 September 2016
ހަނދާނަށް އަންނަނީ ދިވެހި އެފް އެމް ގެ "ނަފީސާ" ޑްރާމާ
ކްރިޓިކަލް
22 September 2016
ޖިއާ ހާންގެ މަންމަގެ މަސަތްކަތައް ހަމަ ސާބަސް... އިންޑިޔާގެ ހުރިހާ ފޮރެންސިކުން ބުނީ ޖިޔާ ދަންޖެހުނީ ކަމައް... އެކަމަކު އޭނަ މަންމަ ޢޭރުން ފެށިގެން ދިޔައީ އެވާހަަކަ ދޮގު ކުރަމުން.. ބެލެވޭ ގޮތުގަ ނުފޫޒު ގަދި މީހަކު ޖިޔާގެ މަރުގެ ފަހަތުގަ ހުރީމަ މިކަަމައް އިންސާފު ނުލިބިގެން މި އުޅެނީ.. އެހެން ނޫންނަމަ އިންޑިޔަން ޕޮލިސް އަކީ ތަހުގީގުގަ ވަރައް ކުރީގަ އުޅޭ ބަޔެއް...