31 އޯގަސްޓް 2020 - 09:00
ސްޓާ ޕްލަސް އިން ގެނެސްދިން ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން އުޅޭ ވާހަކަ އަޑު އަހާފައިވާ ކަމަށާއި އެކަމަކު އެ ސިލްސިލާ އިން ހުށަހެޅުމެއް ނާންނަ ކަމަށް ފުރަތަމަ ސީޒަނުގައި ކޮކީލާބެން މޯދީގެ ރޯލް ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ރޫޕަލް ޕަޓޭލް ބުނެފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، 45 އަހަރުގެ ބަތަލާ ބުނީ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން އުޅޭ ވާހަކަ އެނގުނީ ނޫސްތަކުން ކަމަށެވެ. އެކަމަކު އެ ސިލްސިލާއާ ގުޅުން ހުރި އެއްވެސް ފަރާތަކުން ދެވަނަ ސީޒަނަކާ ބެހޭ ގޮތުން މިހާތަނަށް ވާހަކަ ދައްކާފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް އޭގެ ޕްރޮޑިއުސަރު ރަޝްމީ ޝަރުމާ އަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުންޏެވެ.
"އަހަރެންގެ ލޯތްބާއި ހެޔޮދުއާ އަބަދުވެސް އޭނާއާ އެކީގައި ވާނެ." ރޫޕަލް ބުންޏެވެ. "އަދި އަބަދު ވެސް ކާމިޔާބީ އަށް އެދެން."
ވަރަށް ނުފޫޒު ފަދަ މައިދައިތައެއްގެ ރޯލް "ސާތު ނިބާނާ ސާތިޔާ" ގައި ކުޅުނު ރޫޕަލް މިހާރު ފެނިގެން ދަނީ ސްޓާ ޕްލަސް އިން ދައްކާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އިންނެވެ. އޭގައި ވެސް އޭނާ ފެނިގެން ދަނީ ކޮކީލާބެން ކަހަލަ ނުފޫޒު ގަދަ ކެރެކްޓާއަކުންނެވެ. އެ ކެރެކްޓާގެ ނަމަކީ މީނާކްޝީ ރާޖްވަންޝެވެ.
"އެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް." މިދިޔަ އަހަރުގެ މާޗްގައި ދައްކަން ފެށި ސިލްސިލާއާ ބެހޭ ގޮތުން ރޫޕަލް ބުންޏެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ދައްކަން ފަށާ އިރު، ރޫޕަލްއާ އެކު އެއިން ފުރަތަމަ ސީޒަންގައި ގޯޕީ ބަހޫގެ ރޯލް ކުޅުނު ދެވޮލީނާ ބަޓަޗަރަޖީ ވެސް ފެނިގެންދާނެ އެވެ. އަދި ދެވަނަ ސީޒަންގެ ޝޫޓިން އަންނަ މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
"ސާތު ނިބާނާ ސާތިޔާ" އަކީ ސްޓާ ޕްލަސްއިން މެއި 3، 2010 އިން ޖުލައި 27، 2017 ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 2،184 އެޕިސޯޑް ގެނެސްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy