ޝިލްޕާ.
02 ސެޕްޓެމްބަރ 2020 - 07:56
މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާއާ އެކު ސްޓާ ބާރަތުން ހޯމަ ދުވަހުގެ ރޭ ދައްކަން ފެށި ކޮމެޑީ ޝޯ "ގޭންގްސް އޮފް ފިލްމިސްތާން" ފެށުމާ އެކު ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ ޝޯ އިން ވަކިވެއްޖެ އެވެ.
"ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ވާދަކޮށްގެން އެ ޝޯ ކާމިޔާބުކުރި ޓީވީ ބަތަލާ ބުނީ ޝޯ އިން ވަކިވާން ނިންމީ އިހުތިރާމުނުކުރާ ބަޔަކާ އެކީ މަސައްކަތްކުރަން ބޭނުންނުވާތީ ކަމަށެވެ.
އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ "ގޭންގްސް އޮފް ފިލްމިސްތާން" އަށް 200 ޕަސެންޓް ދިން ނަމަވެސް އޭނާ އެ ޝޯ އަށް ކުރި މަސައްކަތުގެ އަގު އޭގެ ޓީމުން ވަޒަން ނުކުރި ކަމަށެވެ. އެހެންވެ އެފަދަ ބަޔަކާ އެކު މަސައްކަތް ކުރުމުގެ ބޭނުމެއް ޝައުގުވެރިކަމެއް ނެތް ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް ބުރަކޮށް ތައްޔާރީތައް ވި ޝޯއެއް އެއީ. އެކަމަކު ލިބެން ޖެހޭ ހައްގު މަގާމާއި އިހުތިރާމެއް އޭގެ ޓީމަކުން ނުލިބުނު. އޭގެ ކާސްޓްގައި ހިމެނޭ އެއްވެސް މީހަކާ ދޭތެރޭ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަދި އެ މީހުންނަށް ކާމިޔާބީއެއް ވެސް އެދެން،" މައިކާ އާއި ބާބީޖީ ގަރްޕަރް ހޭ ފަދަ ސިލްސިލާތައް ކުޅުނު ޝިލްޕާ ބުންޏެވެ. "ގޭންގްސް އޮފް ފިލްމިސްތާންގެ ކާސްޓްގައި މުޅިން ވެސް ތިބީ އަހަރެން ވަރަށް ލޯބިވާ ފަންނާނުންތަކެއް. ޝޯއިން ވަކިވިޔަސް އެ މީހުންނާ ދޭތެރޭ އަހަރެންގެ އެއްވެސް ހިތްބުރަކަމެއް ނެތް."
އޭނާ ބުނި ގޮތުގައި އެ ޝޯގެ އެންމެ މުހިއްމު ބައިވެރިއަކީ ސުނިލް ކަމަށްވާތީ އެންމެ ބޮޑު ސަމާލުކަމެއް ވެސް ލިބޭނީ އޭނައަށެވެ. އަދި އިންޑިއާގައި ކޮމީޑިއަނުންގެ ގޮތުގައި ނުފޫޒު ގަދައީ ވެސް ފިރިހެނުން ކަމަށްވާތީ އަންހެން ފަންނާނުންނަށް ދެވޭ ސަމާލުކަން ވަރަށް ކުޑަ ކަމަށް ބުންޏެވެ.
"އެހެންވެ ހަގީގަތުގައި ބޭނުން ނުވީ ޝޯގައި ހަމައެކަނި ޕްރޮޕެއްގެ ގޮތުގައި ފެނިލާކަށް. އަހަންނަކީ ޓީވީ އިންޑަސްޓްރީގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހަކަށްވާތީ ހަގީގަތުގައި ބޭނުންވާނެ ކްރެޑިޓް ހައްގުވާ ވަރުގެ ރޯލެއް،" ޝިލްޕާ ބުންޏެވެ. "ދެތިން ތަންކޮޅަކުން ފެނިލާ މީހެއްގެ ގޮތުގައި ޝޯއެއްގައި ބައިވެރިވާއަކަށް އަހަރެން ބޭނުމެއް ނޫން."
ސުނިލްއާ އެކު "ގޭންގްސް އޮފް ފިލްމިސްތާން" އިން ފެނިގެންދާ ބައިވެރިންގެ ތެރޭގައި ސުގަންދާ މިޝްރާ އާއި އޭނާގެ ލޯބިވެރިޔާ ޑރ. ސަންކޭތު ބޯސްލޭ އާއި ސިދާތު ސާގަރް އާއި އުޕްސާނާ ސިންގް އަދި ޕަރިތޯޝް ތުރިޕަތީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy