ޓީވީގެ އެންމެ މަގުބޫލު ބަތަލާ އަކީ ހީނާ ޚާން

އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެން ފަންނާނުންގެ ތެރެއިން އެންމެ މަގުބޫލު ބަތަލާގެ މަގާމު ހީނާ ޚާނަށް އަނެއްކާ ވެސް ލިބިއްޖެ އެވެ.


ޓައިމްސް އޮފް އިންޑިއާ އިން އެކުލަވައިލި "މޯސްޓް ޑިޒަޔަރަބަލް ވިމެން އޮން ޓީވީ" ގެ މަގާމު ހީނާ އަށް ދެ ދެވަނަ ފަހަރަށް ލިބުނު އިރު، އެންމެ ގަޔާވާ ފިރިހެން ފަންނާނުގެ މަގާމު ލިބުނީ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ކާމިޔާބުކުރި އެކްޓަރު ސިދާތު ޝުކްލާއަށެވެ.

ޓީވީގެ އެންމެ މަގުބޫލު ބަތަލާގެ މަގާމު ސްޓާ، ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަކްޝަރާގެ ރޯލް ކުޅެގެން މަޝްހޫރުވި ހީނާ އަށް ލިބުނީ ޓީވީގެ ނުފޫޒު ގަދަ އެހެން ބަތަލާއިންތަކެއް ފަހަތަށް ޖައްސައިލުމަށް ފަހު އެވެ.

އެގޮތުން އޭނާގެ ފަހަތުން ލިސްޓް ތަރުބީވެގެން އަންނަނީ ސިލްސިލާ "ބޭހަދު" ކުޅުނު ޖެނިފާ ވިންގެޓާއި "ނާގިން 4" ގެ ބަތަލާ ނިއާ ޝަރުމާ އާއި "ކަސޯޓީ" ގެ އެރިކާ ފެނަންޑޭޒާއި "ހަތުރޯންކޭ ކިލާޅީ 10" ކާމިޔާބުކުރި ކަރިޝްމާ ތަންނާ އާއި "ސްޕްލިޓްވިލާ" ފަދަ ޝޯތަކުގައި ބައިވެރިވި ދިވްޔާގެ އަގަރްވާލްގެ އިތުރުން "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ގެ ބަތަލާ ޝިވާންގީ ޖޯޝީއާ އެކީގަ އެވެ.

ވަރަށް ގެވެހި އަންބެއް ކަމަށްވާ އަކްޝަރާގެ ރޯލް ދޫކޮށްލުމަށް ފަހު، ހީނާގެ އިމޭޖް އާންމުންގެ ތެރޭގައި ބަދަލުވެގެން ދިޔައީ "ބިގް ބޮސް 12" ގައި ވާދަކޮށްގެންނެވެ. އެ ޝޯގައި އޭނާ އަކްޝަރާގެ ގޮތުގައި ފެނިގެން ދިޔަ ގޮތާ ހިލާފަށް ވަރަށް ޖެހިލުން ކުޑަ، ވަރަށް ސްޓައިލިޝް އަދި އެހާމެ ގޮތެއްގައި ހުންނަ ބަތަލާއެއްގެ ގޮތުގަ އެވެ. އަދި އަކްޝަރާއާ ހިލާފަށް ހީނާގެ އަސްލު މިޒާޖުގައި ރުޅިގަދަކަމާއި ކިބުރުވެރި ގޮތެއް ހުންނަކަން ވެސް "ބިގް ބޮސް" ގެ ތެރެއިން ފެނިފައިވެ އެވެ.

އެ ޝޯގައި ވާދަކުރުމުގެ ކުރިން ހީނާ ވަނީ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފަ އެވެ.

"ބިގް ބޮސް" އިން ހީނާ އަށް ލިބުނު ކާމިޔާބީއާ އެކު ދެން އޭނާ އަށް ލިބުނީ "ކަސޯޓީ" ގެ ނެގަޓިވް ރޯލް ކޮމޮލިކާގެ ރޯލެވެ. އެއީ އަކްޝާގެ ކެރެކްޓާއާ އަޅާކިޔާ ނަމަ ހާސް ބައި ތަފާތު ރޯލެކެވެ. ނަމަވެސް "ކަސޯޓީ" ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ހީނާ އަށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން އޭނާ ވަނީ އެ ސިލްސިލާ ދޫކޮށްލައިފަ އެވެ.

ބެލުންތެރިންނާ ހަމައަށް އައި ހީނާގެ އަލަތު ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ. އޭގެ ފަހުން އޭނާ ވަނީ އެކިއެކި ޕްލެޓްފޯމްތަކަށް ގިނަ ވެބް ސީރީޒްތަކާއި ވެބް ފިލްމުތަކެއް ވެސް ކުޅެފަ އެވެ. ކަލާޒް ޗެނެލުން މިހާރު ގެނެސްދޭ "ނާގިން" ގެ ސީޒަން 5 ގައި ވެސް ހިނާ އަކީ މުހިއްމު ހިއްސާއެކެވެ.

"މޯސްޓް ޑިޒާރަބަލް ވިމެން އޮން ޓީވީ" ގެ މަގާމާ ބެހޭ ގޮތުން ހީނާ ބުނީ އެ މަގާމު އޭނާ އަށް ލިބުނީ އަމިއްލަ އިމޭޖް ދައްކުވައިދޭން މަސައްކަތްކުރާ ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން ބަތަލާއެއްގެ ހައިސިއްޔަތުން އޭނާ އަކީ އަބަދު ވެސް ހަވާލުވާ މަސައްކަތަކަށް ވަރަށް ބޮޑަށް ފޯކަސްކުރާ މީހެއް ކަމަށް ބުންޏެވެ.

"މީގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ މީހާގެ އަމިއްލަ ރިއަލިޓީގެ ތެރެއަށް ދެން އެ ވަގުތަކު ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސް މީހާގެ ޝަހުސިއްޔަތު ބިލްޑްކުރުން." ފިޓްނެސް އަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއްދޭ ބަތަލާ ބުންޏެވެ.

ހީނާ، 32، ބުނީ އޭނާގެ ނަޒަރުގައި އިންޑިއާގެ އެންމެ ޑިޒާރަބަލް އަންހެނަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ކަމަށާއި އެއީ އަބަދު ވެސް ނަމޫނާއެއްގެ ގޮތުގައި ފަންނާނެއް ކަމަށެވެ. އަދި ފިރިހެނުންގެ ތެރެއިން އެންމެ ޑިޒާރަބަލް މީހަކީ ކްރިކެޓް ތަރި އެމްއެސް ދޯނީ ކަމަށް ބުންޏެވެ.