ޕާލް.
07 ސެޕްޓެމްބަރ 2020 - 08:15
މީގެ ތިން އަހަރު ކުރިން އެކްތާ ކަޕޫރް ޒީޓީވީން ގެނެސްދިން ސުޕަނެޗްރަލް ސިލްސިލާ "ބުރައްމަރަކްޝަސް" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައިފި އެވެ.
މުނިފޫހި ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ސިލްސިލާގެ ދެވަނަ ސީޒަން ގެނެސްދޭނީ އާ ކާސްޓަކާ އެކީގަ އެވެ. އެގޮތުން މި ފަހަރު "ބުރައްމަރަކްޝަސް" ގެ ބަތަލުގެ ރޯލުން ފެންނާނީ އެކްތާ ގެނެސްދިން "ނާގިން 3" އާއި "ބޭޕަނާ ޕިޔާރު" ގެ ބަތަލު ޕާލް ވީ ޕޫރީ އާއި ނިކީ ޝަރުމާ އެވެ.
ނިކީ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ރޫޕް: މަރުދު ކާ ނަޔާ ސްވަރޫޕް" އަދި "ދެހެލީޒް" ހިމެނެ އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި "ބުރައްމަރަކްޝަސް" ގެ އާ ސީޒަނަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން ޕާލް ބުނީ ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ޝައުގުވެރި ސިލްސިލާއެއް ގެނެސްދޭން ކަމަށެވެ.
"އަހަރެން އެންމެ އުފާވި އެއް ކަމަކީ އަނެއްކާ ވެސް ތަފާތު ރޯލެއް ކުޅެން ލިބުނީމަ. ލޮކްޑައުންއާ އެކު މަސައްކަތް ހުއްޓާލައި ގޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުނީމަ އަލުން މަސައްކަތަށް ނުކުންނަން ކެތްމަދުވެފައި މި ހުންނަނީ،" ޕާލް ބުންޏެވެ.
"ބުރައްމަރަކްޝަސް" ގެ ފުރަތަމަ ސީޒަނުގައި ލީޑް ރޯލް ކުޅުނީ ކްރިސްޓަލް ޑި ސޫޒާ އާއި އަހަމް ޝަރުމާ އެވެ. އެ ސިލްސިލާ އަކީ އޮގަސްޓް 6، 2016 އިން ފެބްރުއަރީ 18، 2017 އާ ހަމައަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި 57 އެޕިސޯޑް ދެއްކި އެވެ.
"ބުރައްމަރަކްޝަސް" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމި ނަމަވެސް ބެލުންތެރިންނަށް އެ ފެންނާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު މީގެ ޝޫޓިން ވަރަށް އަވަހަށް ފެށުމުގެ ތައްޔާރީތައް ވަމުން އަން ކަމަށް ޕާލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy