09 ސެޕްޓެމްބަރ 2020 - 06:44
ލޮކްޑައުންގެ ތެރޭގައި ލަވަކިޔުމުގެ ހުނަރު ތަރައްގީކުރަން މަސައްކަތްކުރި ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ އަޑުން ކިޔާފައިވާ ފުރަތަމަ ލަވަ ނެރެން ތައްޔާރުވެއްޖެ އެވެ.
ލަވައިގެ މޯޝަން ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އޭގައި ލަވައިގެ ތަންކޮޅެއް ވެސް ހިމަނާފައިވެ އެވެ. ބިގް ބޭންގް މިއުޒިކްގެ ތައްގަނޑުގައި ނެރޭ ޓައިގާގެ ފުރަތަމަ ލަވައިގެ ނަމަކީ "ޔޫ އާ އަންބިލީވަބަލް" އެވެ.
ލަވައިގެ ޓީޒާ ވެސް ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލާނެ ވާހަކަ ޓައިގާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވާ އިރު، ލަވަ ނެރެން ނިންމާފައި ވަނީ ވީޑިއޯއާ ވެސް އެކީގަ އެވެ. ވީޑިއޯ ޑައިރެކްޓްކުރީ މިދިޔަ އަހަރު ޓައިގާ ފެނިގެން ދިޔަ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ. ނަމަވެސް ލަވަ ދޫކޮށްލާނެ އިރެއް އަދި ކަށަވަރެއް ނުވެ އެވެ.
Always wanted to sing and dance to my own song, but never really had the courage to take it forward. excited to share this humble effort with you soon 😊❤️ #YouAreUnbelievable #TeaserOutSoon@bgbngmusic @hashtagGaurav @iamavitesh #dgmayne @punitdmalhotra @dop_santha pic.twitter.com/r508D10mxJ
— Tiger Shroff (@iTIGERSHROFF) September 7, 2020
ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ދަރަޖަ ހޯދާފައިވާ ޓައިގާ، 30، މިހާރު އަންނަނީ އާ ފިލްމު "ހީރޯޕަންތީ 2" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.
ބޮލީވުޑްގެ ބައެއް ތަރިންގެ ތެރޭގައި މިހާރު ވެސް އަމިއްލަ ފިލްމުތަކަށް ލަވަކިޔާފައިވާ ތަރިން ހިމެނެ އެވެ. އޭގެ ތެރޭގައި އަޔޫޝަމް ކްރާނާ އާއި ޝްރަދާ ކަޕޫރާއި އާލިއާ ބަޓާއި ޕަރިނީތީ ޗޯޕްޅާ އާއި ފަރްޚާން އަޚްތަރު އަދި ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިން ހިމެނެ އެވެ.
މީގެ ކުރިން އާމިރު ޚާނާއި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި ސަންޖޭ ދަތު ފަދަ ތަރިން ވެސް އެ މީހުންގެ ފިލްމުތަކަށް ލަވަ ކިޔާފައިވެ އެވެ. ދާދި ފަހުން ބަތަލާ މަދޫރީ ޑިކްސިޓް ވެސް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy