ލޮކްޑައުންގެ ތެރޭގައި އެންމެ ބޮޑަށް ކުރެވުނު އެއް ކަމަކީ ލަވަކިޔުމުގެ ހުނަރު ތަރައްގީކުރުން ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.
އޭނާ ބުނީ އަބަދު ވެސް މިއުޒިކަށް ވަރަށް ލޯބިކުރާ ކަމަށެވެ. ކުރީގެ ފިލްމީ ތަރި ދޭވް އާނަންދުގެ ފިލްމުތަކުގެ ލަވަތައް ވަރަށް ގިނައިން އަޑު އަހައި، އެ ލަވަތައް ކިޔާ ކަމަށް އޭނާ ބުންޏެވެ.
މާޗް މަހު ރިލީޒްކުރި "ބާގީ 3" ގެ ބަތަލު ބުނީ ލޮކްޑައުން އަކީ އެއްގޮތުން ރަނގަޅެއް ކަމަށެވެ. ސަބަބަކީ ކުރިން ފިލްމީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުން، މީހާގެ ކިބައިގައި ހުންނަ އެހެން ހުނަރުތައް ތަރައްގީކުރަން ވަގުތު ނުލިބުމެވެ.
"ލޮކްޑައުންއާ އެކު އަބަދު ގޭގައި އިންނަން ޖެހުނީމަ އެއީ ޓެލެންޓް އިމްޕްރޫވްކުރަން މަގުފަހިވި ކަމެއް. އަހަރެން މިހާރު މިއުޒިކް ޕްރޮޖެކްޓަކަށް އެބަ މަސައްކަތް ވެސް ކުރަން،" ތަފުސީލަކަށް ނުގޮސް ޓައިގާ ބުންޏެވެ. "އަދި ލޮކްޑައުންއާ އެކު ލިބުނު އެއް ހިތްހަމަޖެހުމަކީ ކުރިން އާއިލާއާ އެކު ވަގުތު ހޭދަކުރަން ނުލިބޭ ވަރަށް ވަގުތު ލިބުން."
ބައެއް މީޑިއާތަކުން ބުނިގޮތުގައި ޓައިގާ، 30، ގެ ކުރިއަށް އޮތް ފިލްމު "ހީރޯޕަންތީ 2" އަށް އޭނާގެ އަޑުން ލަވައެއް ރެކޯޑްކުރާނެ އެވެ. އެ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. "ހީރޯޕަންތީ 2" އަކީ 2013 ގައި ޓައިގާ ބޮލީވުޑަށް ތައާރަފުވި ފިލްމުގެ ދެވަނަ ބައެވެ.
މި ފަހަރު ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ "ބާގީ 3" އާއި "ބާގީ 2" ވެސް ޑައިރެކްޓްކުރި އެހުމަދު ޚާނެވެ.