ތާރާ ސުތާރިއާގެ ކުރިއަށް އޮތް ދެ ފިލްމަށް އަމިއްލައަށް ލަވަކިޔަނީ

މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން ބަތަލާ ތާރާ ސުތާރިއާގެ އޭނާގެ ކުރިއަށް އޮތް ދެ ފިލްމަށް އަމިއްލަ އަށް ލަވަތަކެއް ރެކޯޑްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ވަރަށް ކުޑައިރުއްސުރެ ވެސް ލަވަ ކިޔަމުން އަންނަ އަދި ބޮލީވުޑަށް ނުކުތީއްސުރެ އަމިއްލަ ފިލްމުތަކަށް ވެސް ލަވަކިޔަން ބޭނުންވާ ކަމަށް ބުނާ ބަތަލާގެ އަތުގައި މި ވަގުތު ދެ ފިލްމެއް އެބައޮތެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ޝޫޓިން ވެސް ފަށާފައި އޮތް، ޑައިރެކްޓަރު މިލަން ލުތުރިއާގެ "ތަޅަޕް" އެވެ.

އެ ފިލްމަކީ އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ. އަނެއް ފިލްމަކީ ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން" ގެ ސީކްއެލް "ދޯ ވިލަން" އެވެ. ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އެ ފިލްމުގައި ތާރާ ފެނިގެން ދާނީ އަރުޖުން ކަޕޫރާއި ޑިޝާ ޕަޓާނީ އާއި ޖޯން އަބްރަހަމާ އެކީގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ދޯ ވިލަން" އާއި "ތަޅަޕް" އިން ތާރާ ރަސްމީކޮށް ބޮލީވުޑަށް ލަވަކިޔުންތެރިއެއްގެ ގޮތުގައި ތައާރަފުވެގެން ދާނެ އެވެ. އަދި އެކަމާ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ތާރާ، 24، އަކީ ވެސްޓަން ކުލަސިކް މިއުޒިކް ތަމްރީނު ވެސް ހޯދާފައިވާ ފަންނާނެކެވެ. އުންމީދީ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "މަރްޖާވާ" އެވެ.

ބޮލީވުޑް ޒުވާން ތަރިންގެ ތެރެއިން އަމިއްލަ ފިލްމުތަކަށް ލަވަ ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ޝްރަދާ ކަޕޫރާއި އަޔޫޝްމަން ކްރާނާ އާއި އާލިއާ ބަޓާއި ޕަރިނީތީ ޗޯޕްޅާ ފާހަގަކޮށްލެވެ އެވެ. ޓައިގާ ޝްރޮފް ވެސް އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް މިހާރު އަންނަނީ ވީޑިއޯއާ އެކު ނެރެން ތައްޔާރުވަމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ލަވަކިޔުމުގެ ހުނަރު ދައްކާލި މީހުންގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި އާމިރު ޚާނާއި ޕްރިޔަންކާ ޗޯޕްޅާ އާއި ފަރްހާން އަޚްތަރާއި މަދޫރީ ޑިކްސިޓް ފަދަ ތަރިން ހިމެނެ އެވެ.