13 ސެޕްޓެމްބަރ 2020 - 07:29
އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައިގެން، އިންޑިއާގެ މަޝްހޫރު މިއުޒިޝަން އޭއާރް ރަހްމާނަށް މެޑްރާސް ހައި ކޯޓުން ނޯޓިސް ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންކަސް ޓެކްސް ޑިޕާޓްމަންޓްގެ ސީނިއާ ކައުންސެލް ޓީއާރް ސެންތިލް ކުމާރާ ހަވާލާދީ މީޑިއާތަކުން ބުނީ ރަހްމާނަށް ނޯޓިސް ފޮނުވީ 2011-2012 އަށް ލިބުނު އާމްދަނީން ޓެކްސް އަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެހެންވެ އެކަމުގެ ނޯޓިސް ފޮނުވީ މުއްދަތު ހަމަވެގެން ދިޔަތާ އެތައް ދުވަހެއް ވެސް ވީ އިރު ވެސް ޓެކްސް ދައްކާފައި ނުވާތީ އެވެ.
ސެންތިލް ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވި ގޮތުގައި 2011-2012 ގެ މާލީ އަހަރަށް ރިއާޔަތްކުރާ އިރު ރަހްމާނަށް 3.47 ކްރޯޑް ރުޕީސް (472,259.82 ޑޮލަރު) ލިބިފައިވެ އެވެ. ނަމަވެސް އެ ފައިސާ އިން އާމްދަނީގެ ޓެކްހަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި، ފައިސާ އެއްކޮށް ޓްރާންސްފާކޮށްފައި ވަނީ ރަހްމާން ޚައިރާތަށް ހޭދަކުރާ "އޭއާރް ރަހްމާން ފައުންޑޭޝަން" އަށެވެ.
ސެންތިލް ވިދާޅު ގޮތުގައި އިންކަމް ޓެކްސްގެ ގާނޫނުގައި ބުނާ ގޮތުން ޓެކްސް ނުދައްކައި ފައިސާ އެއްކޮށް އެގޮތަށް ޓްރާންސްފާއެއް ނުކުރެވޭނެ އެވެ. އެހެންވެ ޓެކްހަށް ދައްކަން ޖެހޭ ފައިސާގެ މުއާމަލާތުގެ ކަންކަން ވީހާ ވެސް އަވަހަކަށް ނިންނަން ރަހްމާނަށް ފޮނުވި ނޯޓިހުގައި އެދިފައިވެ އެވެ. އަދި ނޯޓިހާ އެއްގޮތަށް އަމަލުނުކުރާ ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅުތައް ޓެކްސް ޑިޕާޓްމަންޓުން އަޅާނެ ކަމަށް ސެންތިލް ވިދާޅުވި އެވެ. ނަމަވެސް ނުދައްކާ ކަމަށް ބުނާ ޓެކްސް ދައްކަން ރަހްމާނަށް ދިނީ ކިހާ މުއްދަތެއް ކަމެއް ނޭނގެ އެވެ.
އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ރަހްމާން، 53، އަކީ އިންޑިއާގެ އެންމެ ހުނަރުވެރި މިއުޒިޝަނުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. އިންޑިއާގެ އެތައް ފިލްމެއްގެ އިތުރުން ބައިނަލްއަގްވާމީ ގިނަ ޕްރޮޖެކްޓްތަކެއްގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy