ވަރުދާން.
22 ސެޕްޓެމްބަރ 2020 - 08:53
މިދިޔަ އަހަރު ފިލްމު "ޔޭ ސާލީ އާޝިގީ" އިން ބޮލީވުޑަށް ތައާރަފުވި ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރުފުޅު ވަރްދާން ޕޫރީ ދެވަނަ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
އުންމީދީ އެކްޓަރު ސޮއިކުރި ދެވަނަ ފިލްމަކީ މިދިޔަ މަހުގެ ތެރޭގައި އަނޫޕަމް ކޭރާއި ސަތިޝްކާ ކޯޝީކާ އެކު ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ އިއުލާންކުރި ފިލްމު "ދަ ލާސްޓް ޝޯ" އެވެ.
މި ފިލްމަށް ސޮއިކުރި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ވަރުދާން ބުނީ އަނޫޕަމް އާއި ސަތިޝް ފަދަ ހުނަރުވެރި އެކްޓަރުންނާ އެކު ފިލްމެއްގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި "ދަ ލާސްޓް ޝޯ" އަކީ ވަރަށް ޝައުގުވެރި ވާހަކައެއް ކިޔައިދޭނެ އެއްޗެއް ކަމަށް ބުންޏެވެ.
މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީއާ އެކު "ޗެހެރޭ" ކިޔާ ފިލްމެއް ޑައިރެކްޓްކުރި ރޫމީ ޖެފްރީ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރިލީޒްނުކުރެވި އޮތް އެ ފިލްމަކީ ދާދި ދަހުން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބަތަލާ ރިއާ ޗަކްރަބަތީ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ.
ވަރުދާން ދެވަނަ ފިލްމެއްގެ މަސައްކަތް ފެށި އިރު، އޭނާގެ އަލަތު ފިލްމު "ޔޭ ސާލީ އާޝިގީ" ގައި ދެއްކި އެކްޓިން އަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. އެ ފިލްމުން އޭނާ އެ އަހަރުގެ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އާ ބަތަލުގެ މަގާމަށް ނޮމިނޭޓް ވެސް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy