27 ސެޕްޓެމްބަރ 2020 - 07:02
ސްޓާ ޕްލަސް އިން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން މަގުބޫލު ސިލްސިލާ "ކުމްކުމް" ގެ ޓައިޓްލް ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޖޫހީ ޕަރްމަރް ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އާ ސިލްސިލާއާ އެކު ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ޖޫހީގެ އާ ސިލްސިލާ އަކީ އަންނަ މަހުގެ 20 ގައި ޒީ ޓީވީން ގެނެސްދޭން ފަށާ "ހަމާރީވާލީ ގުޑް ނިއުސް" އެވެ. މިއީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ގެނެސްދޭ އެއްޗެކެވެ. މި ސިލްސިލާގެ މައިގަނޑު ވާހަކަ އެނބުރޭނީ ޅީދަރިފުޅު ނަވިއާ ދަރިއަކު ހޯދަން ފަސްކުރަމުން ދިއުމުން މައިދައިތަ ރެނޫކާ ބަލިވެއިނުމުން ދިމާވާ ކަންތައްތަކެކެވެ. "ހަމާރީވާލީ ގުޑް ނިއުސް" ގައި މައިދައިތަގެ ރޯލުން ފެންނާނީ ޖޫހީ އެވެ. އަދި އޭނާގެ ޅީދަރިފުޅުގެ ރޯލު ކުޅޭނީ ސްރިޝްތީ ޖެއިން އެވެ.
މި ފަހަކަށް އައިސް، ދަރިން ހޯދުމާ ގުޅޭ ކޮންސެޕްޓްތަކަށް ހަދާ ފިލްމުތައް ވެސް އިތުރުވަމުން އަންނަ އިރު، އެފަދަ ފިލްމުތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒްކުރި، އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރްގެ "ގުޑް ނިއުސް" އަކީ ކައިވެންޏަށް އެތައް ދުވަހެއްވީ އިރު ވެސް ދަރިއަކު ނުލިބުމުން އައިވީއެފްގެ އެހީގައި ދަރިއަކު ހޯދަން ކުރާ މަސައްކަތް އޮޅުންބޮޅުންވެގެން ހިނގާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ. އަދި 2018 ގައި ރިލީޒްކުރި ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯގެ "ބަދާއީ ހޯ" އަކީ ދަރިން ބޮޑެތިވެފައި ވަނިކޮށް، އުމުރުން ދުވަސްވީ އަންހެނަކު ބަލިވެއިނުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.
"ގުޑް ނިއުޒް" އާއި "ބަދާއީ ހޯ" އާ އެއްގޮތަށް "ހަމާރީވާލީ ގުޑް ނިއުޒް" ވެސް ވެގެންދާނީ ދަރިން ހޯދުމާއި އުމުރާ ދޭތެރޭ މީހުން ދެކޭ ގޮތް ކިޔައިދޭނެ އެއްޗެކެވެ. އެގޮތުން މީގައި އާގްރާއި ދިރިއުޅޭ ތިވާރީ ކިޔާ ބޮޑު އާއިލާއެއްގެ ވާހަކަ ބެލުންތެރިން ޝައުގުވެރިވާ ގޮތަށް ގެނެސްދޭނެ އެވެ.
"ހަމާރީވާލީ ގުޑް ނިއުޒް" ގެ ޕްރޮމޯ ވެސް ޒީޓީވީން މިހާރު އަންނަނީ ދައްކަމުންނެވެ. މި ސިލްސިލާ އަންނަ މަހުގެ 20 ގައި ފެށުމަށް ފަހު ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 7:00 ގައި ގެނެސްދޭނެ އެވެ.
ޖޫހީ، 39، އެންމެ ފަހުން ފެނިފައި ވަނީ ކަލާޒް ޗެނެލުން 2018-2019 އަށް ގެނެސްދިން ސުޕަނެޗްރަލް ސިލްސިލާ "ތަންތުރާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy