ވިކީ.
27 ސެޕްޓެމްބަރ 2020 - 07:19
ފިލްމު ކުޅޭ އަގު ބޮޑު ނުކުރާ ކަމަށާއި އެކަމަކު ފިލްމުތަކަށް އަގު ކިޔަނީ ކުރަން ޖެހޭ މަސައްކަތާއި ފިލްމުގެ ޝޫޓިން އަށް ހޭދަވާ މުއްދަތަށް ބަލައިގެން ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.
ފިލްމުފެއާ އަށް އިންޓަވިއުއެއްގައި، ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ބުނީ ތަރިންގެ އަގު ބިނާވުމުމުގައި ފިލްމުތައް ހޯދާ ކާމިޔާބީތައް ވެސް މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ. އެގޮތުން ފިލްމެއް ބޮޑުތަނުން ކާމިޔާބުވެއްޖެ ނަމަ ދެން ކުޅޭ ފިލްމަކުން އެ ތަރިއަކަށް ލިބޭ ފީ ބޮޑުވުމަކީ ވާނެ ކަމަށް ބުންޏެވެ.
"އެއީ އެކަން ހިނގާނެ ގޮތް ވެސް މެ. އަހަރެން ފިލްމު ކުޅޭ އަގު ވަކި ބޮޑެއް ނުކުރަން. އެކަމަކު ފިލްމަކަށް އަގު ކިޔަނީ އެއަށް ހޭދަކުރަން ޖެހޭ މުއްދަތަށް ވަރަށް ބޮޑަށް ބަލާފައި،" މިހާރު އެވްރެޖްކޮށް ފިލްމަކުން ތިން ކްރޯޑް ރުޕީސްގެ ފީއެއް ލިބޭ އެކްޓަރު ބުންޏެވެ.
"މަސާން" އިން އާންމުންގެ ސަމާލުކަން ހޯދި ހުނަރުވެރި އެކްޓަރު ބުނިގޮތުގައި ބައެއް ފިލްމުތަކަކީ އެންމެ 20 ވަރަކަށް ދުވަހުން ނިމޭ ފިލްމުތަކަށްވާ އިރު، ބައެއް ފިލްމުތަކުގެ ޝޫޓިން މަސްތަކަކަށް ދިގުދެމިގެންދާ ކަމަށެވެ.
"އެހެންވެ އެކަންކަމަށް ބަލާފައި އަގު ކިޔުމަކީ އަހަރެން އަބަދު ވެސް އަމަލުކުރާ ގޮތް. ދެން އެކްޓަރުންނަށް ހައްގުވާ މިންވަރަށް ބަލާފައި އަގު ދިނުމަކީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އަތްމަތީގައި އޮތް ކަމެއް،" ވިކީ ބުންޏެވެ. "އޭގެ މާނަ އަކީ ފިލްމު ކުޅެގެން ދިރިއުޅުމުގެ ކަންކަން ފުއްދޭ ވަރުގެ އާމްދަނީއެއް ލިބެން ޖެހޭނެއޭ. އަހަރެން ގަބޫލެއް ނުކުރަން ވަކި ފިކްސްޑް އަގެއް އޮންނަން ޖެހޭނެ ކަމަކަށް."
މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އަށް ދެން އެންމެ އަވަހަށް ވިކީ ފެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 15 ގައި ރިލީޒްކުރާ ޑައިރެކްޓަރު ޝީޖިތު ސިރްކާގެ ބައޮގްރަފިކަލް ފިލްމު "ސަރުދާރު އުދަމް ސިންގް" އިންނެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ތާރީހީ ލޯބީގެ ފިލްމު8 "ތަޚުތު" އާއި މިދިޔަ އަހަރު ރިލީޒްކުރި ވިކީގެ އެންމެ ބޮޑު ސޯލޯ ހިޓް "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސުޕަހީރޯ ފިލްމު "އަޝްވަތައްމާ" އާއި މެގްނާ ގުލްޒާރުގެ ބައޮގްރަފިކަލް ޑްރާމާ "ސޭމް" އާއި ވިޖޭ ކްރިޝްނާ އަޗާރިއާގެ އަދި ނަން އިއުލާންނުކުރާ ކޮމެޑީ ފިލްމެއް ހިމެނެ އެވެ.
ވިކީ، 32، ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "މަންމަރުޒިޔާ" އާއި "ރާޒީ" އަދި "ސަންޖޫ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy