ފިލްމު އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއައި) ގެ ރައީސްގެ މަގާމަށް ޑައިރެކްޓަރު ޝޭކަރް ކަޕޫރް ހަމަޖައްސައިފި އެވެ.
މިކަން ޓްވިޓާގައި ހާމަކުރަމުން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވޭދްކަރް ވިދާޅުވީ އެފްޓީއައިއައިގެ ރައީސްގެ އިތުރުން ޝޭކަރަކީ އެ ޖަމިއްޔާގެ ގަވަނިން ކަލްސިލްގެ ޗެއާމަން ވެސް ކަމަށެވެ. އުމުރުން 74 އަހަރުގެ ޝޭކަރަކީ އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑްސް ކޮމިޓީގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.
އޭނާ އަކީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "މާސޫމް" އާއި "މިސްޓަ އިންޑިއާ" ގެ އިތުރުން "ބަންޑިތު ކްއީން" ހިމެނެ އެވެ. ހިންދީ ފިލްމުތަކުގެ އިތުރުން ޝޭކަރަކީ އިންޓަނެޝަނަލް ފިލްމުތަކެއް ވެސް ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "އެލިޒަބަތު" އާއި "އެލިޒަބަތު: ދަ ގޯލްޑެން އޭޖް" ހިމެނެ އެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ޝޭކަރް "ޕާނީ" ގެ ނަމުގައި ބޮޑު ފިލްމެއް ހަދަން އިއުލާންކުރި ނަމަވެސް އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
އާރްބީއައިގެ ކެމްޕޭނަކަށް އަމީތާބް
އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ކަސްޓަމަރުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭނަކަށް އަމީތާބް ބައްޗަން ހަމަޖައްސައިފި އެވެ.
ސޮނީ ޓީބީން މިހާރު ގެނެސްދޭ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 12 ވަނަ ސީޒަން ވެސް ހޯސްޓްކުރަމުން އަންނަ އަމީތާބް ކެމްޕޭނަށް ހަމަޖެއްސި ވާހަކަ އާރްބީއައިގެ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އިންޑިއާގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބަކީ މިހާރު ވެސް އެކިއެކި ކަންކަމާ ގުޅުވައިގެން ހިންގާ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބައިވެރިވާ ފަންނާނެކެވެ. އޭގެ ތެރޭގައި އިންޑިއާ ސާފު ގައުމަކަށް ހެެދުމާއި ވެކްސިން ދިނުމާއި ކޮވިޑް-19 އަށް ހޭލުންތެރިކަން އުފެއްދުން ފަދަ ކެމްޕޭންތައް ހިމެނެ އެވެ.
އާރްބީއައި އިން ބުނީ އަމީތާބާ އެކު ކުރިއަށް ގެންދާ ކެމްޕޭނާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.
ސޮނާކްޝީގެ ލަވައެއް ބައްޕައާ އެކު
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި އޭނާގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރަގަން ސިންހާ އެކީގައި ފެނިގެންދާ ލަވައެއް މިއަދު ދައްކާލައިފި އެވެ.
"ޒަރޫރަތު" ގެ ނަން ދީފައިވާ މި ލަވަ އަކީ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި ގެނެސްދިން ލަވައެކެވެ. ލަވަ އުފައްދައި، ޑައިރެކްޓްކުރީ ވަރުން ޕްރަބޫދަޔާލް ގުޕްތާ އެވެ.
ސޮނާކްޝީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި ސަލްމާން ޚާންގެ "ދަބަންގް 3" އިންނެވެ.
"އިޝްގް ސުބާނަﷲ" ގެ ފަހު އެޕިސޯޑް މާދަމާ ރޭ
ޒީޓީވީން ގެނެސްދޭ ސިލްސިލާ "އިޝްގް ސުބާނަﷲ" ގެ ފަހު އެޕިސޯޑް މާދަމާ ރޭ ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.
މި ސިލްސިލާ ނިންމައިލަން އުޅޭކަން އޮގަސްޓް މަހުގެ ފަހުކޮޅު އިއުލާންކުރީ މަގުބޫލުކަން ވަރަށް ބޮޑަށް ކުޑަވެ، ޓީއާރްޕީ ރޭޓްގައި ވެސް މިހާރު ލައްވާނުލާތީ އެވެ.
މީގެ ދެ އަހަރު ކުރިން ގެނެސްދޭން ފެށި މި ސިލްސިލާ އަކީ މުސްލިމު އާއިލާތަކެއްގެ ތެރެއިން އުފަންވާ ލޯބީގެ ވާހަކައެއް ކިޔައިދޭ އެއްޗެކެވެ. "އިޝްގް ސުބާނަﷲ" ލީޑް ރޯލް ކުޅެނީ އަދުނާނު ޚާނާއި އީޝާ ސިންގެވެ.
މި ސިލްސިލާ ދައްކަން ފެށީ މާޗް 14، 2018 ގަ އެވެ. އަދި މިހާތަނަށް 580 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައިވެ އެވެ.