އަނީތާއަށް ފިރިހެން ކުއްޖެއް ލިބިއްޖެ ނަމަ ކިޔާނީ ބަފާބެގެ ނަން

އަލަތު ދަރިފުޅަކީ ފިރިހެން ކުއްޖެއް ނަމަ ނަމަކަށް ކިޔާނީ ރަވީ ކަމަށް ބަތަލާ އަނީތާ ހަސަނަންދާނީ ބުނެފި އެވެ.


ކައިވެނިކުރިތާ ހަތް އަހަރު ފަހުން ބަލިވެއިންކަން އާދީއްތަ ދުވަހު އިއުލާންކުރި ބަތަލާ ބުނި ގޮތުގައި ވަކި ޖިންސެއްގެ ކުއްޖަކަށް އުންމީދެއް ނުކުރެ އެވެ. އެކަމަކު އެ ފިރިހެން ކުއްޖެއް ލިބިއްޖެ ނަމަ ނަމަކަށް ކިޔާނީ ފިރިމީހާ ރޯހިތު ރެޑީގެ ބައްޕަ ރަވީގެ ނަން ކަމަށް ބުންޏެވެ. ރޯހިތުގެ ބައްޕަ ވަނީ މީގެ މަސްތަކެއް ކުރިން ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.

އެހެންވެ އޭނާގެ ހަނދާނުގައި ދަރިފުޅަށް ނަން ދިނުމަކީ ބަފާބެގެ ހަނދާންތައް އާއިލާގެ ތެރޭގައި ދިރުވިގެންދާނެ ކަމެއް ކަމަށް އަނީތާ ބުންޏެވެ. އިންޑިއާގެ ޓީވީގެ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ މި ވަގުތު ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި މިއީ 2013 ގައި ކައިވެނިކުރި ފަހުން ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްކޮޅު ކަމަށް ބުންޏެވެ.

"ކުރިން މަސައްކަތުގައި ބިޒީކަމުން ފެމިލީ ޕްލޭންކުރަން ވަގުތު ނުލިބުމާއި ފިރިމީހާ އާއި އާއިލާއާ އެކު ވެސް އެންމެ ބޭނުންވާ ވަރަށް ވަގުތު ހޭދަކުރަން ނުލިބި އޮއްވައި ލޮކްޑައުންވެގެން ދިޔައީ މުޅި އާއިލާ އަށް ވަގުތު ދޭން ލިބުނު ފުރުސަތަކަށް،" އެތައް ސިލްސިލާއެއްގެ އިތުރުން ފިލްމު ވެސް ކުޅެފައިވާ އަނީތާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބަލިވެއިނީ ދަރިއަކު ހޯދަން ފިރިމީހާ އާއި ދެ މީހުން މަޝްވަރާ ވެސް ކުރާތާ ދުވަސްތަކެއް ފަހުންނެވެ. އަދި ބަލިވެއިންކަން އެނގުނީ ލޮކްޑައުން އަށް ދެމުން އައި ލުއިތަކާ އެކު ޖޫން މަހުގެ ފަހުކޮޅު ޝޫޓިންތައް އަލުން ފެށުމުގެ ހުއްދަ ލިބުމުން ކަލާޒްގެ ސިލްސިލާ "ނާގިން" ސީޒަން ހަތަރެއްގެ ފަހު ޝޫޓިން ޝެޑިއުލް ޖުލައި މަހުގެ ތެރޭގައި ކުރިއަށް ދަނިކޮށެވެ.

"މިހާރު އަހަރެން ބޭނުން ވަނީ ލައިފްގެ މި ވަގުތުކޮޅުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން. މަޔަކަށްވުމަކީ ވަރަށް ބޮޑު އުފަލެއް. އެ އިހުސާސްކުރެވެން ފެށީމަ ލިބޭ ހިތްހަމަޖެހުން ބުނެދޭކަށް ވެސް ނޭނގޭ،" އަނީތާ، 39، ބުންޏެވެ. "މަޔަކަށްވުމަކީ ހަމަ ޔަގީނުން ވެސް ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ."

އޭނާ ބުނި ގޮތުގައި ފިރިމީހާ އާއި މުޅި އާއިލާގެ ފޯކަސް މިހާރު ހުރީ އާއިލާ އަށް އިތުރުވާން އުޅޭ އާ މެމްބަރަށް މަރުހަބާ ކިޔުމުގެ ތައްޔާރީތަކަށެވެ.

"ރޯހިތާ އަހަރެން މިހާރު އެންމެ ގަޔާވެގެން ކުރާ ކަމަކީ ދަރިފުޅަށް ބޭނުންވާ ސާމާނު ހޯދުން. އަދި އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ ވެސް ރައްކާތެރި، އިތުބާރު ކުރެވޭ ކަހަލަ ޕްރޮޑަކްޓްތައް ހޯދުން." އަނީތާ ބުންޏެވެ.