ބޫމީ އާއި ރާޖް.
19 އޮކްޓޯބަރ 2020 - 07:14
ދެހާސް އަށާރައިގައި ގެނެސްދިން ކާމިޔާބު ފިލްމު "ބަދާއީ ހޯ" ގެ ދެވަނަ ބައި "ބަދާއީ ދޯ" ގެ ކާސްޓް އިއުލާންކޮށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމައިފި އެވެ.
މި އަހަރު ކުރީކޮޅު ވެސް މީޑިއާތަކުން ރިޕޯޓްކުރި ގޮތަށް ފިލްމުގެ ލީޑް ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރެވެ. އެހެންވެ "ބަދާއީ ދޯ" ވެގެން ދާނީ މި ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
ބޮޑެތިވެފައި ތިބި ދެ ކުދިން ތިބި ދުވަސްވީ މަޔަކު އަލުން ބަލިވެއިނުމުން ދިމާވާ ކަންތައްތަކެއް ކިޔައިދިން "ބަދާއީ ހޯ" ގެ މުހިއްމު ތަރިންނަކީ ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ އާއި އަޔޫޝްމަން ކްރާނާގެ އިތުރުން ސާނިއާ މަލްއުތުރާ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ އަމިތު ޝަރުމާ އެވެ.
ނަމަވެސް މުޅިން ތަފާތު ކާސްޓަކާ އެކު "ބަދާއީ ދޯ" ޑައިރެކްޓްކުރާނީ 2015 ގެ އެޑަލްޓް ކޮމެޑީ "ހަންޓާ" ގެނެސްދިން ހާޝްވަރްދަން ކުލްކަރްނީ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބަދާއީ ހޯ" އަކީ ދެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އެއީ ބަތަލާ ސުރޭޚާ ސިކްރީ އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑާއި ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް އެވޯޑެވެ.
"ބަދާއީ ހޯ" ގެނެސްދިން ޑައިރެކްޓަރު އަމިތުގެ އާ ފިލްމަކީ އަޖޭ ދޭވްގަނާ އެކު ގެނެސްދޭ ބައޮގްރަފިކަލް ސްޕޯޓްސް ފިލްމު "މައިދާން" އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އޮގަސްޓް 13 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy