ވަރުން.
24 އޮކްޓޯބަރ 2020 - 09:55
ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ހަތަރު ފިލްމެއްގެ ޝޫޓިން އަށް ތައްޔާރުވާން ފަށައިފި އެވެ.
ބޮލީވުޑްގައި މި ވަގުތު އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން އެންމެ އަވަހަށް ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމަކީ އަންނަ މަހު ޗަންދީގަޅްގައި ޝޫޓިން ފަށާ "ޖުގް ޖުގް ޖިޔޯ" އެވެ.
މި ރޮމޭންޓިކް ކޮމެޑީ އަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ އިން ގެނެސްދިން "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާގެ ދެވަނަ ފިލްމެވެ. "ޖުގް ޖުގް ޖިއޯ" ގެ ތެރޭގައި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގް ވެސް ހިމެނެ އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމުގައި އަނިލް އާއި ނީޓޫ ފެންނާނީ ވަރުންގެ މައިންބަފައިންގެ ރޯލުންނެވެ.
އެ ފިލްމަށް ފަހު ދެން ވަރުން ޝޫޓިން ފަށާނީ "އިސްތިރީ" އާއި "ބާލާ" ގެނެސްދިން ޑައިރެކްޓަރު އަމަރް ކޯޝިކް ހަދާ ސޯޝަލް ކޮމެޑީ "ބޭޅިޔާ" އެވެ. މި ފިލްމުވެގެން ދާނީ އަމަރާ އެކު ވަރުން މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާނެ ކަމަށް ބެލެވޭ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު ވަރުންއާ އެކު "ބޭޅިޔާ" ގެ ބަތަލާގެ ރޯލުން ފެންނާނެ ކަމަށް ބެލެވެނީ "އިސްތިރީ" ގެ ބަތަލާ ޝްރަދާ ކަޕޫރެވެ.
ވަރުން ޝޫޓިން ފަށަން އޮތް އަނެއް ފިލްމަކީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ "ސާންކީ" އެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމުގައި ވަރުން ފެނިގެންދާނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. "ސާންކީ" އަކީ އަދި ރަސްމީކޮށް އިއުލާންނުކޮށް އޮތް ފިލްމެކެވެ.
ޝޫޓިން ފަށަން އޮތް ވަރުންގެ ހަތަރު ވަނަ ފިލްމަކީ މިދިޔަ އަހަރު މެޑޮކްސް އިން އިއުލާންކުރި ބައޮގްރަފިކަލް ޑްރާމާ "އެއްކީސް" އެވެ. މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި ވަރުންގެ "ބަދުލާޕޫރް" ގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ލެފްޓިނަންޓް އަރުން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމަށް "އެއްކީސް" ކިޔާފައި ވަނީ އަރުން އަކީ ހިދުމަތުގައި އުޅެނިކޮށް އެންމެ 21 އަހަރުގައިި މަރުވި ގައުމީ ބަތަލަކަށްވާތީ އެވެ.
ފުލުފުލުގައި ހަތަރު ފިލްމެއްގެ މަސައްކަތަށް ވަރުން ވަގުތު ހުސްކުރާ އިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޑިސެމްބަރު 25 ގައި ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" އިންނެވެ. ވަރުންގެ އެންމެ ފަހުން ފެނިފައި ވަނީ ޖެނުއަރީގައި ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަސް
24 October 2020
ތިއިން ފިލްމެއްގެ މަންޒަރުތަކެއް ރާއްޖޭގެ މަންޒަރުތައް ހިމަނާގެން ޝޫޓްކުރަން ބުނެބަލަ.