27 އޮކްޓޯބަރ 2020 - 09:01
ކަލާޒް ޗެނެލުން މިހާރު ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް" 14 އިން ފުރުސަތު ދިން 11 ބައިވެރިންގެ ތެރެއިން ދެ މީހަކު ކަޓާފައި ވަނިކޮށް، އާދީއްތަ ދުވަހުގެ ރޭ ވައިލްޑް ކާޑް އެންޓްރީގެ ދަށުން ތިން ބައިވެރިއަކަށް ފުރުސަތު ދީފި އެވެ.
ޝޯ ދައްކާތާ މިހާރު މަހެއްވާން ކައިރިވެފައި ވަނިކޮށް ފުރުސަތު ދިން އާ ތިން ބައިވެރިންނަކީ ޓީވީގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ކަވީތާ ކޯޝިކާއި ނައިނާ ސިންގްގެ އިތުރުން އާންމުންގެ ތެރޭގައި މާ އާންމު ނޫން މޫނެއް ކަމަށްވާ ވީޖޭ/އާރްޖޭ ޝަރުދުލް ޕަންޑިތެވެ.
ނައިނާ، 25، އަކީ ޒީޓީވީން ގެނެސްދޭ ކާމިޔާބު ސިލްސިލާ "ކުމްކުމް ބަގިޔާ" ގައި ކުރިން ރިއާ މެހެރާގެ ރޯލް ކުޅުނު ބަތަލާ އެވެ. އެ ސިލްސިލާ އިން އޭނާ ވަކިވީ ލޮކްޑައުން އަށް ފަހު، އަލުން ގެނެސްދޭން ފެށުމާ އެކީގަ އެވެ. ނައިނާ އަކީ ކުރިން ވެސް ރިއަލިޓީ ޝޯތަކުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން އެމްޓީވީގެ "ސްޕްލިޓްވިލާ" ގެ 10 ވަނަ ސީޒަނުގައި 2017 ގައި ވާދަކޮށް އެ ޝޯ ކާމިޔާބުކޮށްފައިވެ އެވެ. އަދި ސްޓާ ޕްލަސް އިން 2018 ގައި ގެނެސްދިން "އިންޑިއާސް ނެކްސްޓް ސުޕަސްޓާ" ގައި ވާދަކޮށް އޭގެ ދެވަނަ ނައިނާ ހޯދާފައިވެ އެވެ.
އާދީއްތަ ދުވަހުގެ ރޭ "ބިގް ބޮސް 14" އާ ގުޅެމުން ނައިނާ ބުނީ އޭނާ ޝޯގެ ތެރެއިން ތަފާތު ދައްކައި ދޭނެ ކަމަށާއި އަމާޒަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޝޯ ކާމިޔާބުކުރުން ކަމަށެވެ.
ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލުވި ސަބް ޓީވީގެ ސިލްސިލާ "އެފްއައިއާރް" ގައި ފުލުހެއްގެ ރޯލް ކުޅުނު ކަވީތާ ބުނީ "ބިގް ބޮސް" އަކީ ފަސޭހަ ޝޯއަކަށް ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ވަރަށް ހިތްވަރުކުރާނެ ކަމަށެވެ. ކަވީތާ، 39، އަކީ ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކާއި ޝޯތަކާއި ފިލްމުތަކެއް ވެސް ކުޅުނު ބަތަލާއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2004 ގައި ސައިފް އަލީ ޚާނާއި އުރްމިލާ މަޓޯންޑްކަރް ކުޅުނު "އޭކް ހަސީނާ ތީ" އިންނެވެ. ކަވީތާ އަކީ ޕަންޖާބީ އަދި ތެލެގޫ ފިލްމުތަކެއް ވެސް ކުޅުނު ބަތަލާއެކެވެ.
ވައިލް ކާޑްގެ ދަށުން އާ ތިން ބައިވެރިއަކަށް "ބިގް ބޮސް 14" އިން ފުރުސަތު ދިން އިރު ޝޯގައި މިހާރު ތިބީ އަބިނާވް ޝުކްލާ އާއި އަންހެނުން ރުބީނާ ދިލައިކާއި ނިކީ ތަމްބޯލީ އާއި އިޖާޒް ޚާނާއި ޕަވިތުރަ ޕުނިއާ އާއި ޖޭސްމިން ބާސިނާއި ޖާން ކުމާރު ސާނޫ އާއި ރާހުލް ވައިދިއާގެ އިތުރުން ނިޝާންތު ސިންގް މަލްކާނީ އެވެ.
ޝޯ އިން ބޭރުވި ދެ ބައިވެރިންނަކީ ސާރާ ގުރްޕަލް އާއި ޝެހްޒާދު ޑިއޯލެވެ.
ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް 14" ފެށި އިރު، ފުރަތަމަ 11 ބައިވެރިންނާ އެކު، ކުރިން ޝޯގައި ވާދަކުރި ތިން ބައިވެރިއަކު "ތޫފާނީ ސީނީއާޒް" ގެ ގޮތުގައި ދެ ހަފުތާ ވަންދެން ގޭގައި ހޭދަކުރި އެވެ.
އެއީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި ސީޒަން 7 ކާމިޔާބުކުރި ގޯހަރް ޚާންގެ އިތުރުން ސީޒަން 12 ގެ ފައިނަލްގައި ވާދަކުރި ހީނާ ޚާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާއީ
27 October 2020
ހީނާ އުޅުނީ ސީޒަން 11 ގައި 12 ގަ އެއް ނޫން