މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާޖާއި ކްރިތީ.

30 އޮކްޓޯބަރ 2020 - 08:19

ކޮރިއޮގްރާފަރު/ޑައިރެކްޓަރު އެހުމަދު ޚާން، އެކްޓަރު އަދިތިޔާ ރޯއި ކަޕޫރާ އެކު ގެނެސްދޭން އުޅޭ ފިލްމު "އޯމް" ގެ ބަތަލާ އަކީ ސަންޖަނާ ސާންގީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ތާރާ ސުތާރިއާ އެވެ. ނަމަވެސް އޭނާގެ ބަދަލުގައި ސަންޖަނާ ފިލްމަށް ނަގާފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. ސަންޖަނާ އަކީ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ބާގީ" ފްރެންޗައިޒްގެ އެންމެ ފަހުގެ ދެ ފިލްމަށް ފަހު، މިހާރު "ހީރޯޕަންތީ 2" ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ އެހުމަދުގެ "އޯމް" އަކީ ވަރަށް ވަރުގަދަ އެކްޝަން ލޯބީގެ ފިލްމެކެވެ. އެހެންވެ އަދިތިޔާ އާއި ސަންޖަނާ ވެސް ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވާނެ އެވެ.

"އޯމް" ޑައިރެކްޓްކުރާނީ ބޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ޓީނޫ ވަރުމާގެ ފިރިހެން ދަރިފުޅެވެ.

ކަރިޝްމާގެ އައިޓަމް ލަވައެއް

އަންނަ މަހު ރިލީޒްކުރާނެ ކަމަށް ބެލެވޭ ކޮމެޑީ ފިލްމު "ސޫރަޖް ޕޭ މަންގަލް ބާރީ" އަށް ޓީވީ ބަތަލާ ކަރިޝްމާ ތަންނާ ކުޅެފައިވާ އައިޓަމް ލަވަ ދައްކާލައިފި އެވެ.

"ދަ ޒޯޔާ ފެކްޓާ" އާއި "ޕަރުމަނޫ" އަދި "ތެރެ ބިން ލާދިން" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް ވަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުން ކަރިޝްމާ ފެނިގެންދާ އައިޓަމް ލަވައިގެ ނަމަކީ "ބަސަންތީ" އެވެ. މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވަރަށް ފަހުން މަރުވި މިއުޒިކް ޑައިރެކްޓަރު ވާޖިދު ޚާނާއި އޭނާގެ ކޮއްކޮ ސާޖިދެވެ. ލަވައިގެ ޅެން ހަދައި ލަވަ ކިޔާފައި ވަނީ ދާނިޝް ސަބްރީ ޕާޔަލް ދޭވް އެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ތަރިންނަކީ މަނޯޖް ބަޖްޕާއީ އާއި ފާތިމާ ސަނާ ޝެއިހާއި ދިލްޖީތު ދޮސަންޖެވެ.

ޝޫޓިން ފަށަން ރަންދީޕް ކޮވިޑަށް ޓެސްޓްކޮށްފި

ދާދި ފަހުން ސޮއިކުރި އާ ފިލްމު "އަންފެއާ އެންޑް ލަވްލީ" ގެ ޝޫޓިން ފެށުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެ ފިލްމުގެ ބަތަލު ރަންދީޕް ހޫޑާ ކޮވިޑް-19 އަށް ޓެސްޓްކޮށްފި އެވެ.

ބައްޔަށް ޓެސްޓްކުރި ވާހަކަ އޭނާ ވަނީ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

"އަންފެއާ އެންޑް ލަވްލީ" އަކީ ރަންދީޕާއި އިލިއާނާ ޑި ކްރޫޒްގެ ޖޯޑު ފެނިގެންދާނެ ފިލްމެކެވެ.

މި ފިލްމަކީ ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ އިން ޕްރޮޑިއުސްކޮށް، ބަލްވިންދަރު ސިންގް ޖަނޫޖާ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ "މުބާރަކަން" އާއި "ސާންޑް ކީ އާނކް" ފަދަ ފިލްމުތަކުގެ ސްކްރީންރައިޓަރެވެ. "އަންފެއާ އެންޑް ލަވްލީ" ގެ ޝޫޓިން ފަށާނީ އަންނަ މަހު އެވެ.

ރާޖާއި ކްރިތީގެ ފިލްމަކީ "ހަމް ދޯ ހަމާރޭ ދޯ"

ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަން ސޮއިކޮށްފައިވާ ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ އިރު އެ ފިލްމުގެ ނަމަކީ މިހާރު "ހަމް ދޯ ހަމާރޭ ދޯ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އެ ފިލްމު އެންމެ ފުރަތަމަ އިއުލާންކުރި އިރު ނަމަކަށް ދޭން ހަމަޖެއްސީ "ސެކެންޑް އިނިންސް" ކަމަށްވެ އެވެ. ނަމަވެސް މިހާރު ފިލްމުގެ ނަމަކީ "ހަމް ދޯ ހަމާރޭ ދޯ" ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އަބީޝެކް ޖެއިން ޑައިރެކްޓްކުރާ ފިލްމުގައި ކިޔައިދޭނީ ދުވަސްވީ ދެ ބައިވެރިއަކު އެޑަޕްޓްކުރާ ޒުވާން ޖޯޑެއްގެ ވާހަކަ އެވެ.

މިއަދު ޗަންދީގަޅްގައި ޝޫޓިން ފަށާ "ހަމް ދޯ ހަމާރޭ ދޯ" ގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ.

ރާޖާއި ކްރިތީ ވަނީ ކުރިން އެކީގައި 2017 ގެ "ބެރިލީ ކީ ބަރްފީ" ގައި މަސައްކަތްކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454