ހުމާ.
05 ނޮވެމްބަރ 2020 - 08:04
ހުމާ ގްރޭޝީއާ އެކު "ޖޯލީ އެލްއެލްބީ 2" ގެނެސްދިން ޑައިރެކްޓަރު ސުބާޝް ކަޕޫރް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފުރަތަމަ ވެބް ސީރީޒް "މަހާރާނީ" ގެ ބަތަލާގެ ރޯލަށް ހުމާ ހަމަޖައްސައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސޮނީ އެންޓަޓައިންމަންޓްގެ ޑިޖިޓަލް ޕްލެޓްފޯމް ސޮނީ ލިވް އަށް ހަދާ މި ވެބް ސީރީޒަކީ ޕޮލިޓިކަލް ތުރިލާއެކެވެ. އެގޮތުން ވަރަށް ނުފޫޒު ގަދަ ހައިބަތު ބޮޑު، ރާނީއެއްގެ ރޯލުން ހުމާ ފެންނާނެ އެވެ.
"މަހާރާނީ" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ނަރެން ކުމާރު ވެސް ހިއްސާވާ އިރު، މީގެ ޑައިރެކްޓަރަކީ ކަރަން ޝަރުމާ އެވެ. މި ސީރީޒްއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
"ޖޯލީ އެލްއެލްބީ 2" ގެ ބަތަލު އަކްޝޭ ކުމާރާ އެކު "ބެލް ބޮޓަމް" ގެ މަސައްކަތް ވެސް ނިންމައިލި ހުމާ، 34، އަކީ ވެސް ކުރިން ވެބް ސީރީޒްތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި ނެޓްފްލިކްސް އަށް ދީޕާ މެހެތާ ހެދި "ލީލާ" އާއި ހަމަ އެ ޕްލެޓްފޯމަށް ދިބާކަރް ބެނަޖީ ހެދި "ފްރީޑަމް" ހިމެނެ އެވެ.
ހުމާގެ ކުރިއަށް އޮތް އެއް ޕްރޮޖެކްޓަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޖެކް ސްނައިޑާ ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވާ ޒޮމްބީ ފިލްމު "އާމީ އޮފް ދަ ޑެޑް" އެވެ.
ހުމާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގޭންގްސް އޮފް ވަސޭޕޫރް" އާއި "ބަދުލާޕޫރް" އާއި "އޭކް ތީ ޑާޔަން" އަދި "ދޭޅް އިޝްގިޔާ" ފަދަ ފިލްމުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy